ޕީޕީއެމްގެ ދިދަ ބޭނުންކުރި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ފުލުހުންގެ އިދާރާ އަށް ހާޒިރުވާން އަންގައިފިއެވެ.

ސަން އަށް އެނގިފައިވާގޮތުގައި ފުލުހުން އަންގާފައި ވަނީ މާދަމާ ރޭ 9:30 އަށް ފާރިސް ފުލުސް އޮފީހަށް ހާޒިރުވުމަށެވެ.

މިކަމާ ގުޅޭގޮތުން ފުލުހުންގެ ބަހެއް އަދި ނިލިބެއެވެ.

ސިވިލް ކޯޓުގެ ހުކުމަކުން ޕީޕީއެމްގެ ބާރުތައް މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާ ހަވާލުކުރިފަހުން އެ ޕާޓީގެ ސުލޫކީ ކޮމެޓީން ވަނީ ޕާޓީގެ މެމްބަރުކަމުން ވަކިކޮށްފައެވެ. އަދި އިލެކްޝަންސް ކޮމިޝަނުން ވެސް ވަނީ ޕީޕީއެމްގެ ދަފްތަރުން އޭނާގެ ނަން އުނިކޮށްފައެވެ.

ފާރިސް ވަނީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައެވެ. ނަމަވެސް އަދި ކޯޓުން މައްސަލަ ނުނިމެއެވެ.

ޕީޕީއެމް ދެބައިވެ ރައީސް ޔާމީންގެ ފެކްޝަނަކާއި ރައީސް މައުމޫންގެ ފެކްޝަނެއް އުފެދުނު އިރު ފާރިސް ހުންނެވީ މައުމޫން ފެކްޝަންގައެވެ.

އިދިކޮޅު ފަރާތްތަކާ ގުޅިގެން ފާރިސް އަންނަނީ ފަހަކަށް އައިސް ސިޔާސީ މަސައްކަތްކެއް ކުރައްވަމުންނެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވަނީ ފާރިސްއެވެ.

ފާރިސް ވިދާޅުވެފައި ވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ޖިނާއީ މައްސަލައެއް އޮތްނަމަ ވީ އެންމެ އަވަހަކަށް އެ މައްސަލައެއް ބަލައި ފިޔަވަޅު އަޅައިދިނުމަށް އެދޭކަމަށެވެ.