ފޭރުމުގެ މައްސަލަތައް ދިމާވުމުން އެވާހަކަ އާންމުކޮށް ދެއްކުމުގެ ބަދަލުގައި އަވަހަށް ފުލުހުންނަށް ރިޕޯޓް ކުރުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.

ބިރުދައްކައި ފޭރުމުގެ މައްސަލަތަކެއް ކުރިމަތިވާ ކަމަށް ބުނެ މިއަދު ސޯޝިއަލް މީޑިއާގައި ދަނީ މެސެޖްތަކެއް ދައުރުވަމުންނެވެ. އަދި ފޭރުމުގެ ސީރިއަށް ދެ މައްސަލައެއް ބަލަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން 'ސަން' އަށް ވިދާޅުވީ ފޭރުމުގެ މައްސަލަތައް ވީހާވެސް އަވަހަށް ފުލުހުންނަށް ރިޕޯޓް ކުރުމަށް އިސްކަމެއް ދޭން ޖެހޭ ކަމަށެވެ. އަދި އާންމުކޮށް އެވާހަކަ ދެއްކުމުން އާންމުންގެ ހިތުގައި ބިރުވެރިކަން އުފެދޭ ކަމަށާއި އެހެންކަމުން އުސޫލުގައިވާގޮތަށް ފުލުހުންނަށް ރިޕޯޓު ކުރުމަށް ޝިފާން ވަނީ އިލްތިމާސް ކުރައްވާފަ އެވެ.

"ފޭރުމުގެ މައްސަލައެއް ދިމާވެއްޖެ ނަމަ 119 އަށް ގުޅައި ފުލުހުންނަށް އަވަހަށް ރިޕޯޓު ކުރުމަށް ނުވަތަ ފުލުހަށް ހާޒިރުވެ ވިޔަސް އަވަހަށް ރިޕޯޓު ކުރުމަސް އަޅުގަނޑު އިލްތިމާސް ކުރަން" ޝިފާން ވިދާޅުވި އެވެ.

މިއަދު ސޯޝިއަލް މީޑިއާގައި ދައުރުވާ މެސެޖް ތަކުގައި ފޭރުން އާންމުކޮށް ހިނގަނީ ބިލަބޮންގް ސުކޫލާވީ ގޯޅި ތެރޭގައި ކަމަށް ބުނެފައިވެ އެވެ. ނަމަވެސް ޝިފާން ވިދާޅުވީ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ އެތަނުގައި ހިނގި އެންމެ ހާދިސާއެއްގެ މައުލޫމާތު ކަމަށެވެ.

އާންމުކޮށް މަގުމަތީގައި ހިނގާއިރު ސަމާލުވުމަށް ޝިފާން އިލްތިމާސް ކުރެއްވި އެވެ.

ފޭރުމުގެ ހާދިސާއެއް ކުރިމަތިވި މީހަކު އޭނާގެ ވާހަކަތައް ވަނީ 'ސަން' އާ ހިއްސާކޮށްފަ އެވެ. އެގޮތުން ހެލްތު މިނިސްޓްރީ ކައިރި ގޯޅިއަކުން ދަނިކޮށް ހިފަހައްޓައި ބިރުދެއްކުމަށް ފަހު ކޭޝް ކާޑުގެ ޕިން ނަމްބަރު ހޯދައި ފައިސާ ނެގި ކަމަށް އެމީހާ ބުންޏެވެ.

އަދި ބިރު ދައްކައި ފޯނުގެ ޕިން ކޯޑު ޖެހުވުމަށް ފަހު ފޯނު ވެސް އަތުލި ކަމަށް އެމީހާ ބުންޏެވެ.

އެގޮތަށް ބިރުދެއްކުމަށް ފަހު ފުލުހުންނަށް ރިޕޯޓު ކޮށްފި ނަމަ މަރާލާނެ ކަމަށް ބުނެ އިންޒާރު ދެމުންދާ ކަމަށް ވެސް ސޯޝިއަލް މީޑިއާގައި ވަނީ ބުނެފަ އެވެ.