31 May 2017, 21:29
ރާއްޖޭގައި ގާނޫނާ ޚިލާފަށް އުޅޭތީ ހައްޔަރުކޮށް، އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި މިހާރު ހުރި އެމެރިކާގެ ރައްޔިތު ޖޯން ސޭފަޓް ރޭ ފަތިހުގެ ވަގުތެއްގައި އަނބުރައިގަނެގެން ވެއްޓި، އޭނާގެ ދޫ ބުރިވެއްޖެއެވެ.
މިއަހަރުގެ ޖެނުއަރީ މަހު ޖޯން ސޭފަޓް ހައްޔަރުކުރީ ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭތީއެވެ. އޭނާ އެދުވަހުން ފެށިގެން އޭނާ ހުރީ އިމިގްރޭޝަންގެ ބެލުމުގެ ދަށުގައެވެ. އޭނާގެ ޕާސްޕޯޓު ރާއްޖޭގައި ވަގަށް ނަގާފައިވާތީ، ކޮލޮމްބޯގައި ހުންނަ އެމެރިކާގެ އެމްބަސީއިން އޭނާއަށް ފުރޭނެ ގޮތް ހެދުމުގެ މަސައްކަތް ކުރި ނަމަވެސް، ޖޯންއާ ގުޅޭ ބައެއް މައްސަލަތައް ރާއްޖޭގެ ކޯޓުތަކުގައި ހިނގަމުން ދާތީ، އޭނާ އަދިވެސް ހުރީ ރާއްޖޭގައި މަޑުކޮށްގެންނެވެ.
ކޯޓުގައި ޖޯންގެ ޓްރާންސްލޭޓަރެއްގެ ގޮތުގައި މަސައްކަތް ކުރާ ހުސައިން ޝަކީބު "ސަން"އަށް މިއަދު ވިދާޅުވި ގޮތުގައި މިއަދު ފަތިހުގެ ވަގުތެއްގައި ޖޯން އަނބުރައިގަނެގެން ވެއްޓި، އޭނާގެ ކޯ ކަށިގަނޑު ބިންމަތީގައި ޖެހުމާ އެކު އޭނާގެ ދޫ ވަނީ ބުރިވެފައެވެ.
ޝަކީބު ވިދާޅުވީ ޖޯންގެ ދޫ ބުރިވުމާ އެކު ހުޅުމާލޭ ހޮސްޕިޓަލަށް އޭނާ ގެންގޮސް، ވަގުތީ ގޮތުން ދޫ ފަހާފައިވާ ކަމަށެވެ.
"ވަގުތީ ގޮތުން ފަހައިގެން ހަރުކޮށްފައިވަނީ. އެކަމަކު އެއީ ހައްލެއް ނޫން. ރާއްޖޭގައި ދޫ އެގޮތަށް ހަރުކުރެވޭ ޑޮކްޓަރެއް ހުރީ ހުޅުމާލެ ހޮސްޕިޓަލުގައި. އެކަމަކު އެކަން ކުރާނެ ވަސީލަތްތަކެއް އެތަނުގައި ނެތް،" ޝަކީބު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ޖޯންގެ ދުލުން އަދިވެސް ލޭ މަނާ ނުވާ ކަމަށެވެ.
މި ހާދިސާ ހިނގުމާ ގުޅިގެން އިމިގްރޭޝަނުން، ކޮލޮމްބޯގައި ހުންނަ އެމެރިކާ އެމްބަސީއާ ގުޅިގެން، ޖޯންއަށް ފަރުވާ ދެވޭނެ ގޮތެއް ބަލަމުން އަންނަ ކަމަށް ޝަކީބު ވިދާޅުވިއެވެ.
މިކަމާ ގުޅޭގޮތުން އިމިގްރޭޝަންގެ ބަހެއް ލިބޭގޮތްވަނީ ނުވެފައެވެ.