ތަކެތީގެ އަގު އުފުލި، ރައްޔިތުން ހާލުގައި ޖެހި ގައުމު ބަނޑަށް ޖެހުމުގެ މަގުމަތީގައި ވާއިރު ރައްޔިތުންނަށް ހެވާއި ލާބަ ހޯއްދަވައިދެއްވަން މަސައްކަތްކުރެއްވުމުގެ ބަދަލުގައި ރައީސް ނަޝީދު މަސައްކަތްކުރައްވަނީ މަގު މައްޗަށް މީހުން އެއްކޮށް ހައިޖާނު ހެއްދެވުމަށް ކަމަށް ގައުމީ ޕާޓީން މިއަދު ބުނެފި އެވެ.

ގައުމީ ޕާޓީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ނުގެންދެވިގެން އަސްކަރީ ވެރިން ކަންބޮޑުވާއިރު އެމްޑީޕީން ނުކުމެ ރައްޔިތުންގެ މަޖިލީހުގައި މަރުތަޅުއެޅުވުމާއި މަޖިލިސްކުރާގެ ކައިރީ ޓެންޓް ޖަހައި އެތަން ހިސާރުކުރާއިރު އަސްކަރީ ވެރިންނަށް އަޑުނީވޭ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަހުމަދު ނާޒިމަށް ހަމަލާދީ މާރާމާރީ ހިންގި އިރު މަޖިލީހުގެ ރައީސް، ސަލާމަތީ ކަންތައްތައް ބަހަލައްޓާގޮތާ މެދު ސުވާލު އުފެދޭ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

ގައުމީ ޕާޓީން ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހަކީ މަޝްވަރާކޮށްގެން ކަންކަން ނިންމަން ހުރި ތަނަކަށް ވާއިރު ޖަލްސާތައް ކުރިއަށް ނުދާ ފަދަ ގޮތަކަށް އެއްވެސް ފަރާތަކުން އަމަލުކުރުމަކީ ކޮށްގެން ވާނެ ކަމެއް ނޫނެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެމްބަރުން އެގޮތަށް ކަންތައް ކުރިޔަސް އެކަން އެކުރަނީ ރައްޔިތުން މާޔޫސް ކުރުވަން ކަމަށް ވެސް އެބަޔާނުގައި ވެއެވެ.
ގައުމީ ޕާޓީގެ ބަޔާނުގައި ވެއެވެ:

"... ރައްޔިތުންގެ މަޖިލީހަކީ މަޝްވަރާކޮށްގެން ކަންކަން ނިންމަށް ހުރި ތަނަކަށްވާއިރު މަޖިލީހުގެ ޖަލްސާތައް ކުރިއަށް ނުދާފަދަ އަމަލެއް އެއްވެސް ފަރާތަކުން ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ. މަޖިލީހުގެ މެމްބަރުން އެކަން ކުރިކަމުގައިވިޔަސް އަދި މަޖިލިސް ދޮށަށް މީހުން އެއްކޮށްގެން އެކަންކުރިކަމުގައި ވިޔަސް އެކަންކުރާ ބަޔަކު އެކުރާކަމަކީ ރައްޔިތުން މާޔޫސްކުރުމެވެ،"

ގައުމީ ޕާޓީގެ ބަޔާނުގައި ގޮވާލާފައި ވަނީ ސަލާމަތީ ކަންތައްތައް ބަލަހައްޓާ ފަރާތްތަކުން ރައްޔިތުންގެ މެދުގައި ތަފާތު ނުކޮށް ގާނޫނު އަސާސީގެ 17 ވަނަ މާއްދާއި 20 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ހަމަހަމަ ކަމާ އެކު އަމަލުކުރުމަށެވެ.