31 May 2017, 15:05
ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ދިމާވެފައިވާ ސިއްހީ މައްސަލަތަކަށް ފަރުވާ ހޯދުމަށް ރާއްޖޭން ބޭރަށް ނުފޮނުވާ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހަޅައިފި އެވެ.
އަދީބަށް ބޮޑެތި ސިއްހީ މައްސަލަތަކެއް ދިމާވެފައިވާ ކަމަށާއި އިތުރު ފަރުވާއަށް ރާއްޖޭން ބޭރަށް ދިއުމަށް ޑޮކްޓަރުން އިރުޝާދު ދެއްވާފައިވާ ކަމަށް ބުނެ އާއިލާގެ ފަރާތުން ވަނީ ފުލުހުންނަށާއި ކަރެކްޝަންސްއަށް ސިޓީ ހުށަހަޅާފަ އެވެ.
އަދީބުގެ އަންހެނުން މަރިޔަމް ނަޝްވާ ސޮއިކުރައްވާ އެޗްއަރުސީއެމަށް މިއަދު ފޮނުވި ސިޓީގައި ބުނެފައިވަނީ އަދީބަށް ދިމާވެފައިވާ ސިއްހީ މައްސަލަތަކަކީ ރާއްޖެއިން ފަރުވާ ކުރެވޭ ކަންތައްތަކެއް ނޫން ކަމަށް ޑޮކްޓަރުން އަންގާފައިވާ ކަމަށެވެ.
އެކަމާ ގުޅީގެން އަދީބުގެ ބޭސްފަރުވާގެ ޒިންމާ ނަގަން ޖެހޭ ހުރިހާ މުއައްސަސާތަކުގެ ސަމާލު ކަމަށް އެކަން ގެނެސްފައިވާނެ ކަމަށާއި އެކަމަކު އެކަމުގެ ޒިންމާ ނަގާނެ ކަމަށް އެއްވެސް މުއައްސަސާއަކުން ބުނެފައި ނުވާ ކަމަށެވެ.
އެހެންކަމުން އެޗްއާރުސީއެމަށް ލިބިގެންވާ ގާނޫނީ ބާރުގެ ދަށުން އެކަމަށް އެޅެން އޮތް ފިޔަވަޅެއް އަޅުއްވައި ދެއްވައި މައްސަލަ ބަލައި ދެއްވުމަށް އަދީބުގެ އަންހެނުން ވަނީ އެދިވަޑައިގެންފަ އެވެ.
ރާއްޖޭން ފަރުވާ ނުލިބޭ ބަލިތަކަށް ފަރުވާ ހޯދުމަށް ރާއްޖޭން ބޭރަށް ފޮނުވުމަކީ އަމަލު ކުރަމުންދާ އުސޫލެއްކަން ފާހަގަކޮށް ސިޓީގައި ބުނެފައި ވަނީ އަދީބު ރާއްޖޭން ބޭރަށް ބޭސްފަރުވާއަށް ނުފޮނުވުމަކީ ތަފާތު ކުރުން ކަމަށާއި އެއީ "ޓޯޗަރ ކުރުމުގެ އަމަލެއް" ކަމަށެވެ.
ޓެރަރިޒަމާއި ހިޔާނާތުގެ މައްސަލަތަކެއް ސާބިތުވެ 33 އަހަރަށް ޖަލަށް ލާފައިވާ އަހުމަދު އަދީބުގެ ހަށިގަނޑުގައި ސިސްޓެއް އިން ކަމަށާއި ލޮލުގެ ވަރަށް ނުރައްކާތެރި ބައްޔެއް ކަމަށްވާ "ގްލޮކޮމާ" ޖެހިފައިވާ ކަމަށް އާއިލާއިން ވަނީ ބުނެފަ އެވެ.
އެކަމާ ގުޅިގެން ފުލުހުން ބުނެފައި ވަނީ އަދީބަކީ ހުކުމް ތަންފީޒު ކުރަމުންދާ ގައިދީއެއް ކަމުން އެމަނިކުފާނުގެ ބޭސްފަރުވާގެ ކަންކަން ބަލަހައްޓާނީ ކަރެކްޝަންސްއިން ކަމަށެވެ. ކަރެކްޝަންސް އިން ބުނެފައި ވަނީ އަދީބު ހުންނެވީ އެބޭފުޅުންގެ ބެލުމުގެ ދަށުގައި ނޫން ކަމަށެވެ.