ޕާކިސްތާން ސަރުކާރުގެ ފަރާތުން ރާއްޖެއަށް ދެ ޕޯޓަބަލް އެކްސްރޭ މެޝިން ހަދިޔާ ކޮށްފިއެވެ.

ޕާކިސްތާނުގެ ފަރާތުން ރާއްޖޭގެ ސިއްހީ ދާއިރާއަށް ހަދިޔާކުރި 47،847 އެމެރިކާ ޑޮލަރު (737،798.89 ދިވެހި ރުފިޔާ)ގެ އެ ދެ އެކްސްރޭ މެޝިން ބޭނުންކުރަން ހަމަޖެހިފައިވަނީ ދ. ކުޑަހުވަދޫ އަތޮޅު ހޮސްޕިޓަލް އަދި ލ. ގަން ރީޖަނަލް ހޮސްޕިޓަލަށެވެ.

ރާއްޖެއަށް ދިން އެ އެހީއަށް ޝުކުރު އަދާކުރައްވާ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވަނީ ޕާކިސްތާން ސަރުކާރަށް ހަނދާނީ ލިޔުމެއް ދެއްވާފައެވެ. އެ ލިޔުމާ ޕަކިސްތާންގެ ފަރާތުން ހަވާލުވެ ވަޑައިގަތީ އެގައުމުގެ ފަރާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް (ރޓޑ) ސައީދު ޚަވަރު އަލީ ޝާހު އެވެ.

ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓަރު ވިދާޅުވީ، އަތޮޅު ހޮސްޕިޓަލްތަކުން ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ސަރުކާރުން ފައްޓަވާފައިވާ މަސައްކަތުގެ ދަށުން ގިނަ އަތޮޅު ހޮސްޕިޓަލަކަށް މިހާރު ވެސް ޕޯޓަބަލް އެކްސްރޭ މެޝިން ވަނީ ފޮނުވާފައެވެ.

އަދި ޕާކިސްތާން ސަރުކާރުން މިއަދު ހަދިޔާކުރި ދެ ޕޯޓަބަލް މެޝިން ދ. އަތޮޅު ހޮސްޕިޓަލަށާއި ލ. ގަން ރީޖަނަލް ހޮސްޕިޓަލަށް ފޮނުވަން ނިންމާފައިވާއިރު، މިހާރު ޕޯޓަބަލް އެކްސްރޭ މެޝިނެއް ނެތި ހަމައެކަނި އޮންނަނީ ދެ އަތޮޅެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޕާކިސްތާނަކީ އަބަދުވެސް ރާއްޖޭގެ ސިއްހީ ދާއިރާއަށް އެކިކަހަލަ އެހީތެރިކަން ވެދެއްވަމުން އަންނަ ގައުމެކެވެ.

އެގޮތުން ސިއްހީ ދާއިރާ ހަރުދަނާ ކުރުމުގެ ގޮތުން ޕާކިސްތާނާއި ދިވެހި ސަރުކާރާ ދެމެދު ސޮއި ކޮށްފައިވާ އެމްއޯޔޫ ތަކުގެ ދަށުން ޕާކިސްތާން މެޑިކަލް ޑޮކްޓަރުން ރާއްޖޭގައި މަސައްކަތްކުރުމަށް ޕޯސްޓް ކުރުމާއި ސިއްހީ ދާއިރާގެ އެކި ރޮނގުތަކުން މީހުން ތަމްރީން ކުރުމާއި ޕާކިސްތާނުން ތަމްރީން ވުމަށް ފުރުސަތު ދެވޭ ދަރިވަރުންނަށް ހާއްސަ ރޭޓް ތަކެއް ވަނީ ކަނޑައަޅާފައެވެ.

އޭގެ އިތުރުން ޕާކިސްތާނުގައި ކިޔަވާ ބޭރު ގައުމުތަކުގެ ދަރިވަރުން އެ ގައުމުގެ ކޮލެޖަކަށް ވަނުމުގެ ކުރިން ފުރިހަމަކުރަންޖެހޭ "ސްކޮލެސްޓިކް އެސެސްމެންޓް ޓެސްޓް 2" (އެސްއޭޓީ 2) އިމްތިހާން ނުހަދައި، ދިވެހި ދަރިވަރުންނަށް ޕާކިސްތާނުގެ މެޑިކަލް ކޮލެޖުތަކުގައި ކިޔެވޭނެ އިންތިޒާމު ޕާކިސްތާނު ސަރުކާރުން ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ހަމަޖައްސައިދެއްވާފަ އެވެ.