13 Jul 2011, 13:42
މަސްތުވާތަކެތިން ސަލާމަތްވާ ބޭނުން ފަރާތްތަކުގެ ތެރެއިން، ފަރުވާ އަށްފަހު މުޖުތަމައަށް ނެރޭނެ އިތުރު ޕްރޮގްރާމްތައް ހިންގާނެ ހާފުވޭ ހައުސް އެއްގެ ބިންގާ މިއަދު އަޅައިފި އެވެ.
ބައިނަލްއަގްވާމީ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭ ހިމަނައި ހުޅުމާލޭގައި އަޅާ ހާފްވޭ ހައުސްގެ ބިންގާ އަޅުއްވާ ދެއްވީ ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ.
ރަސްމިއްޔާތުގައި ނައިބު ރަޢީސް ވިދާޅުވީ މަސްތުވާތަކެތިން ސަލާމަތްވުމަށް މަސައްކަތްކުރާ މީހުންގެ ތެރެއިން މިހާރު ވެސް ފަރުވާއަށް އެދި 300 އެއްހާ މީހުން ކުރިމަތިލާފައިވާ ކަމަށާއި އެފަދަ ފަރާތްތަކަށް އެހީވުމުގެ ގޮތުން ތަފާތު ޕްރޮގްރާމްތައް މިހާރު ވެސް ހިންގާ ކަމަށެވެ.
ކަރިކަސް އިޓާލިއާނާގެ އެހީގައި އަލަށް ރާއްޖޭގައި އަޅާ ހާފްވޭ ހައުސް އަކީ ގާތްގަނޑަކަށް 30 މީހުންގެ ޖާގައިގެ ތަނެއް ކަމަށާއި މުސްތަގުބަލުގައި އެތަން އިތުރަށް ފުޅާވެގެންދާނެ ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ.
ހާފްވޭ ހައުސްއަކީ ފަރުވާ އަށް ފަހު މުޖްތަމަޢުއަށް މީހުން ނެރުމުގެ ބަދަލުގައި އިތުރު ޕްރޮގްރާމްތައް ހިންގައިގެން މުޖުތަމައުއަށް މަޑުން މަޑުން ނެރުމަށް މީހުން ބައިތިއްބާ ތަނެކެވެ.
"ގިނަ ކުދިންނަށް ދިމާވާ އެންމެ ބޮޑު ދައްޗަކީ ފަރުވާ އަށް ފަހު ކުރިން އުޅުނު މާހައުލަށް ރުޖޫޢުވުން. އަދި ނަތީޖާ އަކަށް ވަނީ ބައެއް ކުދިންނަށް އަނެއްކާ ވެސް މަސްތުވާތަކެއްޗަށް ރުޖޫޢަވުން. މިކަން މިގޮތަށް ވިޔަ ނުދިނުމަށްޓަކައި ކުރަން ޖެހޭ އެއް މަސަކަތް ހާފްވޭ ހައުސްގެ މަސައްކަތަކީ،" ނައިބު ރައީސް ވިދާޅުވި އެވެ.
މަސްތުވާތަކެތީގެ ދޮރުތައް ބަންދުކުރަން ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން ވަރަށް އަވަހަށް ޏ. ފުވައްމުލަކުގައި ވެސް މަސްތުވާތަކެތިން ސަލާމަތްވާން ބޭނުންވާ ފަރާތްތަކަށް ޚާއްސަ މަރުކަޒެއް އަޅަން ފަށާނެ ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ.
ހެލްތު މިނިސްޓާ ޑރ.އައިމިނަތު ޖަމީލް ވިދާޅުވީ މިއީ ހަމައެކަނި ސަރުކާރަށް އެކަނި ކުރެވޭނެ މަސައްކަތެއް ނޫން ކަމަށާއި މިކަމުގައި ހުރިހާ ފަރާތެއްގެ ވެސް އެހީތެރިކަން ބޭނުންވާނެ ކަމަށެވެ. އަދި އެތަނުގެ ބޭނުން ޖެހިފައި ތިބި ކުދިންނަށް އެތަނުގެ ބޭނުން އަވަސް މުއްދަތެއްގެ ތެރޭ އެ ޚިދުމަތް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ.