ދިއްލީ (މެއި 31): އިންޑިއާގެ އަޔޯދިޔާގައި ހުންނަ ބާބްރީ މިސްކިތް ތަޅާލި މައްސަލާގައި އެ ގައުމުގެ ވެރިކަން ކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)ގެ އިސް ލީޑަރުންތަކެއްގެ މައްޗަށް ދައުވާކޮށްފި އެވެ.

ާއެމައްސަލަ ބަލަން ހާއްސަކޮށްފައިވާ ކޯޓަކުން މިއަދު ވަނީ ބީޖޭޕީގެ ކުރީގެ ލީޑަރު ލާލް ކްރިޝްނާ އަދްވާނީ އާއި ޕާޓީގެ ކުރީގެ ރައީސް މޫރުލީ މަނޯހަރު ޖޯޝީ އާއި ގައުމުގެ ވޯޓާ ރިސޯސަސް މިނިސްޓަރު އުމާ ބާރްތީގެ މައްޗަށް ޖިނާއީ ކުށުގެ ރޭވުންތައް ރާވާފައިވާ ކަމުގެ ދައުވާކޮށްފަ އެވެ.

އިންޑިއާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އިން އަބަދު ވެސް ބުނަމުން އަންނަނީ ބާބްރީ މިސްކިތް ތަޅާފައި ވަނީ ކުރިން ރާވައިގެން ކަމަށެވެ.

ނަމަވެސް ކޯޓުން ދައުވާކޮށްފައިވާ ތިން ފަރާތުން ވެސް ވަނީ 1992 ވަނަ އަހަރު ބާބްރީ މިސްކިތް ތަޅާލަން ހިންދޫ ދީނުގެ ބަޔަކަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދައްކަވާފައި ނުވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެތިން މީހުން ވަނީ މިއަދު ކަފާލާތުގެ ދަށުން ދޫކޮށްލައިފަ އެވެ.

ހިންދޫން ބުނާ ގޮތުގައި ބާބްރީ މިސްކިތް އަޅާފައި ވަނީ 'ރާމް ކަލާނގެ' އުފަންވި ތަނުގަ އެވެ. އަދި އެ މިސްކިތް ހެދީ އެތާގައި ހުރި ހިންދޫ ފައްޅިއެއް ތަޅާލުމަށް ފަހުގައި ކަމަށާއި އެތަނުގައި އަނެއްކާ ވެސް ފައްޅިއެއް އަޅަން ޖެހޭ ކަމަށް އެމީހުން ބުނެ އެވެ.

ސޯޅަ ވަނަ ގަރުނުގައި ބިނާ ކުރި ބާބްރީ މިސްކިތް ތަޅާލުމާ ގުޅިގެން ކުރިއަށް ދިޔަ ހަމަނުޖެހުންތަކުގައި 2،000 މީހުން މަރުވި އެވެ.

އެ މައްސަލަ ބަލަން ހާއްސަ ކޯޓެއް އައްޔަން ކުރީ ބާބްރީ މިސްކިތް ތަޅާލުމުގައި ބީޖޭޕީގެ ތިން ލީޑަރުން އަދާ ކުރި ރޯލެއް ބަލަން ޖެހޭ ކަމަށް އެގައުމުގެ ސުޕްރީމް ކޯޓުން މިދިޔަ މަހު ނިންމުމާ ގުޅިގެންނެވެ. އަދި ކޯޓުން ވަނީ ކުރިއަށް އޮތް ދެ އަހަރު ތެރޭ މައްސަލަ ބަލައި ނިންމަން ޖެހޭނެ ކަމަށާއި އެއްވެސް ސަބަބަކާ ލައިގެން މައްސަލަ ބެލުން ހުއްޓާލައިގެން ނުވާނެ ކަމަށް ބުނެފަ އެވެ.

އިންޑިއާގެ ސުޕްރީމް ކޯޓުން 2011 ވަނަ އަހަރު މައްސަލަ ބަލަން ފެށީ އެމިސްކިތް އަޅާފައިވާ ސަރަހައްދުގެ ތިން ބައި ކުޅަ ދެބައި ހިންދޫންނަށް ދީ، ބާކީ ބައި މުސްލިމުންނަށްދޭ ގޮތަށް ހައި ކޯޓުން ނިންމާފައިވަނިކޮށެވެ.

ދެހާސްދިހަ ވަނަ އަހަރު އިންޑިއާގެ ހައި ކޯޓަކުން ހިންދޫންނާ އެއްކޮޅަށް މައްސަލަ ނިންމީ ތިން ސަބަބަކާ ހެދި އެވެ. އެކޯޓުން ބުނި ގޮތުގައި އެސަބަބުތަކަކީ މިސްކިތް އަޅާފައި ވަނީ ރާމް ކަލާނގެ އުފަންވި ތަނުގައި ކަމަށް ވުމުންނާއި، މިސްކިތް އެޅީ ފައްޅިއެއް ތަޅާލުމަށް ފަހުގައި ކަމަށް ވުމުންނާއި، މިސްކިތް އެޅީ އިސްލާމް ދީނުގެ އުސޫލުތަކާ އެއްގޮތަށް ކަމަށް ނުވުމުންނެވެ.

އެއީ ގާނޫނީ މައްސަލައެއް ނިންމުމުގައި "ހިންދޫ ދީނުގެ ކަލާނގެއެއް އުފަންވި ތަން" ސަބަބެއްގެ ގޮތުގައި ބޭނުން ކުރި ފުރަތަމަ ފަހަރެވެ.

އެ މައްސަލަ އިންޑިއާގެ ކޯޓުތަކުގައި އޮންނަތާ އެތައް އަހަރެއް ވެފައިވާ އިރު އެމައްސަލަ އެންމެ ފުރަތަމަ ކޯޓަށް ހުށަހެޅި ފަރާތްތައް މިިހާރު ވަނީ މަރުވެފަ އެވެ. (ބީބީސީ)