31 May 2017, 13:57
ހޮނިހިރު ދުވަހު ޔުވެންޓަސްއާ ދެކޮޅަށް ރެއާލް މެޑްރިޑް ކުޅޭ ޗެމްޕިއަންސް ލީގު ފައިނަލުމެޗުން އެޓީމު މޮޅުވާނޭކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބަ އޮތްކަމަށާއި "މާބޮޑަށް ހިތްތިރިވެގެން ކަމަކު ނުދާނެ"ކަމަށް ރެއާލްގެ ޕޯޗްގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.
ރެއާލުން މިސީޒަންގެ ލަ ލީގާ ކާމިޔާބުކޮށްފައި ވާއިރު، ޗެމްޕިއަންސް ލީގު ފައިނަލްގައި އެޓީމު ވާދަކުރާން ޖެހޭނީ، އިޓާލިއަން ލީގު ޖެހިޖެހިގެން ހަވަނަ ފަހަރަށް ކާމިޔާބުކޮށްފައިވާ، އިޓަލީއާއި އަދި ޔޫރަޕްގެ ފުޓްބޯޅައިގެ ވެސް ގަދަފަދަ ބާރެއް ކަމަށްވާ ޔުވެންޓަސްއާއެވެ.
އެހެންނަމަވެސް ހޮނިހިރު ދުވަހު ވޭލްސްގެ ކާޑިފްގައި ކުޅޭ ފައިނަލްމެޗުގެ ނަތީޖާ އަންދާޒާކުރާން ރޮނާލްޑޯ އެއްވެސް ވަރަކަށް ޖެހިލުމެއް ނުވެއެވެ.
"މެޗު ކުޅޭ ދުވަހު ވަރަށް ކަންތައްތަކާ ވިސްނާން ޖެހި، ގިނަ އިހްސާސްތަކެއް ކުރެވޭނެ. އެހެންކަމުން އަހަރެން ބޭނުމެއް ނޫން މާބޮޑަށް ފަައިނަލްމެޗާ މެދު ވިސްނާކަށް،" ރެއާލް މެޑްރިޑް ޓީވީއަށް ރޮނާލްޑޯ ބުންޏެވެ.
"މާބޮޑަށް ހިތްތިރިވެގެން ކަމަކު ނުދާނެ. އަހަރެމެން ޖެހޭ ފެންވަރު ދައްކާލައި، މޮޅީ ކޮންބައެއްކަން އަންގަން.
"އެއީ ވަރަށް މޮޅު ޓީމެއް، ހަމަ އެހެންމެ އަހަރެމެންނަކީވެސް އެހާ މޮޅު ޓީމެއް. އަހަންނަށް އިހްސާސްކުރެވޭ ގޮތުގައި، މިއީ ވަރަށް ފޯރިގަދަ މެޗަކަށް ވާނެ، އަދި މި މެޗުން އަހަރެމެން މޮޅުވާނެ."
މިފަހަރުގެ ބެލޮންޑިއޯ އެވޯޑް ހާސިލްކުރާނޭކަމަށް ގިނަ ބަޔަކު ގަބޫލުރާ ޕޯޗްގީޒް ތަރި ވަނީ، މިސީޒަންގެ ތަފާތު މުބާރާތްތަކުގައި އޭނާ ރެއާލަށް ކުޅުނު ޖުމުލަ 45 މެޗުގައި ޖުމުލަ 40 ލަނޑު ކާމިޔާބުކޮށްފައެވެ.