ކާބުލް (މޭ 31) : އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި މިއަދު ގޮއްވާލި ކާރުބޮމުގެ ޙާދިސާގައި އެ ގައުމުގައި ހުންނަ ޖަރުމަނުގެ އެންބަސީއާއި ފަރަންސޭސި އެންބަސީގެ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

ފަރަންސޭސި ޚާރިޖީ ވުޒާރާ އިން ބުނީ މިއަދު ހެނދުނު ކާބުލްގައި ގޮއްވާލި ބާރުގަދަ އެއްޗެއްގެ ސަބަބުން އަފްޣާނިސްތާނުގައި ހުންނަ އެގައުމުގެ އެންބަސީއަށް މާއްދީ ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި ލިބުނު ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ކުރަމުންގެންދާކަމުގަ އެވެ.

ކާބުލްގައި ހުންނަވާ ޖަރުމަނުގެ ޑިޕްލޮމޭޓަކު ވެސް ވަނީ ކާބުލްގައި ހުންނަ އެގައުމުގެ އެންބަސީއަށް މާއްދީ ގެއްލުންތަކެއް ލިބިފައިވާ ކަމާއި އެކަން ބަލަމުންގެންދާކަމަށް ވިދާޅުވެފަ އެވެ. ކާބުލްގައި މިއަދު ހެނދުނު ގޮއްވާލި ކާރުބޮމުގެ ޙާދިސާގައި މަރުވިމީހުންގެ އަދަދުމިހާރު ވަނީ 80 އަށް އަރައިފަ އެވެ. އަދި ޒަޚަމްވި މީހުންގެ އަދަދު ވެސް 350 އަށް ވުރެމަތިކަން އަފްޣާން ސަލާމަތީ ބާރުތަކުން ވަނީ ކަށަވަރުކޮށް ދީފަ އެވެ.

އަފްޣާން ފުލުހުން ބުނާ ގޮތުން މި ކާރުބޮން ގޮއްވާލާފައި ވަނީ މީހަކު އަމިއްލައަށް މަރުވެގެންކަމަށް ބެލެވޭ ކަމުގަ އެވެ. މި ކާރުބޮން ގޮއްވާލާފައި ވަނީ ކާބުލްގެ މެދުތެރޭގަ އެވެ. ކާބުލްގެ މެދުގައި ހުންނަ އަފްޣާން ރިޔާސީ ގަނޑުވަރާއި އެކިގައުމުތަކުގެ އެންބަސީތަކާއި އަފްޣާން ކަލްޗާ މިނިސްޓްރީއާއި ޖާސޫސީ އިދާރާ ފަދަ މުހިއްމު އިމާރާތްތަކާ ކައިރީ ހިސާބެއްގަ އެވެ.

މި ކާރު ބޮމުގެ ބާރުގަދަކަމުން އެތާނގެ ވަށައިގެންވާ އިމާރާތްތަކުގެ ބިއްލޫރިތައް ވެސް ތަޅައިގެންގޮސް ދުރަށް ބުރައިގެން ގޮސްފައިވެ އެވެ. މިބޮން ކާބުލްގައި ގޮއްވާލާފައި މިވަނީ އަފްޣާން ސަލާމަތީ ބާރުތަކަށް އަމަޒުކޮށް އެތަށް ހަމަލާތަކެއް ދިނުމަށްފަހުގަ އެވެ. އެހަމަލާތަކުގައި އަފްޣާން ސަލާމަތީ ބާރުތަކުގެ 30 މީހުން މަރުވެ 50 އަށްވުރެ ގިނަމީހުން ޒަޚަމްވެފައިވެ އެވެ.

މިހަމަލާތަކުގެ ޒިންމާ އެއްވެސް ފަރާތަކުން އުފުލާފައި ނުވިނަމަވެސް މިއީ ތާލިބާނުންގެ ހަމަލާތަކެއްކަމަށްވަނީ ބެލެވިފަ އެވެ. އަފްޣާނިސްތާނުގައި މިފަހަކަށް އައިސް ތާލިބާނުންގެ ބާރުވަނީ ވަރަށް ބޮޑަށް ގަދަވާން ފަށާފައެވެ. މިގޮތުން އަފްޣާން ސިފައިންގެ އަތްދަށުގައިވާ ގިނަ ސަރަހައްދުތަކެއް ތާލިބާނުން އަލުން އަތުލާފައިވެ އެވެ. އަދި އަފްޣާން ސަލާމަތީ ބާރުތަކަށް ދޭ ހަމަލާތައްވަނީ ވަރަށްބޮޑަށް އިތުރުވެފައެވެ. (އަލްޖަޒީރާ)