31 May 2017, 13:57
އިނގިރޭސި ކްލަބު މެންޗެސްޓާ ސިޓީން އަންނަ ސީޒަނުގައި ބޭނުންކުރާނެ ހޯމް ޖާޒީ ދައްކާލައިފިއެވެ.
ސިޓީން އަންނަ ސީޒަނުގައި ބޭނުންކުރާ ޖާޒީއާއި މިއަހަރު އެކްލަބުން ބޭނުންކުރި ޖާޒީއާ މާކަ ބޮޑު ތަފާތެއް ނެތެވެ.
ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން ކުޅެމުންދާ މެންޗެސްޓާ ސިޓީގެ ތަރިން ކުރިއަށްއޮތް ސީޒަނުގައި ބޭނުންކުރާ ހޯމް ޖާޒީގެ ގިރުވާނާ ދިމާލުގައި ހުދު ކުލައިގެ ލައިނެއް ހިމެނެއެވެ. ނައިކީގެ އެ އުފެއްދުން ނެރެފައިވަނީ "ކްރިއޭޓް ދަ ފިއުޗަރ" ޓެގްލައިނާއެކުއެވެ.

މެންޗެސްޓާ ސިޓީން އަންނަ ސީޒަނުގައި ބޭނުންކުރާ ހޯމް ޖާޒީ ---
ކުރިއަށްއޮތް ސީޒަނުގައި ސިޓީ ވަރުގަދަ ކުރުމުގެ މަސައްކަތް އެ ކްލަބުން ދަނީ ކުރަމުންނެވެ. ސިޓީން ފްރާންސްގެ މޮނާކޯގެ ޕޯޗުގަލް ޕްލޭމޭކަރ ބެނާޑޯ ސިލްވާ، 43 މިލިއަން ޕައުންޑަށް ގެނެސްފައިވާއިރު އާސެނަލްގެ ޗިލީ ތަރި އެލެކްސިސް ސަންޗޭޒްއާ ވެސް މަޝްވަރާކުރަމުންދާ ކަމުގެ ހަބަރުތަކެއް ވެސް ވަނީ ފެތުރިގެންގޮސްފައެވެ.
ސިޓީން ދަނީ ދުނިޔޭގެ ރެކޯޑް ޓްރާންސްފާއަކަށް ބެންފީކާގެ އުމުރުން 23 އަހަރުގެ ބްރެޒިލް ގޯލްކީޕަރު އެޑާސަން ގެނައުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.