މި މެއި މަހުގައި ހިންގި އެކި އެކި އޮޕަރޭޝަންތަކުގައި 5.5 މިލިއަން ރުފިޔާއާއި ހަ މިލިއަން ރުފިޔާއާއި ދެމެދުގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން މިއަދު ބުނެފި އެވެ.

ކަސްޓަމްސް ބިލްޑިންގައި ނޫސްވެރިންނަށް މައުލޫމާތު ހިއްސާ ކުރުމަށް ބޭއްވި ބައްދަލުވުމުގައި މައުލޫމާތު ހިއްސާ ކުރެއްވީ ކަސްޓަމްސްގެ ޗީފް ސުޕްރިންޓެންޑެންޓް އިސްމާއިލް ހަމްދޫނާއި، ސީނިއާ ސުޕްރިންޓެންޑެންޓް ހުސެއިން ޝާޒް އެވެ.

ކަސްޓަމްސް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ކަސްޓަމްސް އިން ބުނީ، މި މެއި މަހު މަސްތުވާތަކެތީގެ ހަތް ކޭސްއެއް ރެކޯޑު ކުރެވިފައިވާ ކަމަށެވެ. މެއި މަހު ހިންގި އޮޕަރޭޝަންތަކުގައި ފަސް މީހަކު ހައްޔަރުކޮށްފައިވާ އިރު، އޭގެ ތެރޭގައި ހިމެނެނީ ދިވެހި ތިން ފިރިހެނަކާއި ދެ ބިދޭސީ އެކެވެ. ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝް މީހަކާއި ސްރީލަންކާގެ މީހެކެވެ.

ކަސްޓަމްސް އިން މި މެއި މަހުގެ 13 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ލަންކާ މީހެއްގެ އަތް ދަބަސްތެރެއިން މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ހެޝިސް އޮއިލް ފެނިފައިވެ އެވެ.

މެއި މަހުގެ 19 ވަނަ ދުވަހު ހިންގި ދެ އޮޕަރޭޝަނެއްގައި 32 އަހަރުގެ ދިވެހި ފިރިހެނަކާއި 38 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައިވާ އިރު، 32 އަހަރުގެ ފިރިހެންމީހާގެ ހަށިގަނޑުތެރެއިން ބަރުދަނުގައި 174 ގްރާމް ހުރި 29 ބުލެޓު ފެނިފައިވާ ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އަދި 38 އަހަރުގެ ފިރިހެން މީހާގެ ބެކްޕެކުން ކެނެބިސް އޮށްތަކަކާއި ކަނޑާފައި އިތް އެއް ޕެކެޓު ދުންފަތް ފެނިފައިވާ ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ ދުންފަތް ކެނެބިސް އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ކަސްޓަމްސް އިން ބުނެ އެވެ.

އޭގެ އިތުރުން ޕޯސްޓު މެދުވެރިކޮށް ގެނެސްފައިވާ ގުޅާ ބޭސްތަކެއް އަތުލައިގެންފައިވާ އިރު، އެތަކެތި އެކްސްޓަސީ އަށް ޕޮސިޓިވްވެފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

އެތަކެތީގެ އިތުރުން މިމަހުގެ 24 ވަނަ ދުވަހު 1.32 ކިލޯގްރާމްގެ ކެނެބިސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިންޓަނޭޝަނަލް އެރައިވަލް ޓާމިނަލް ހޯލުގައި ހުރި ޓްރޯލީއަކުން ފެނިފައިވާ ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 32 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

މިމަހުގެ ތެރޭގައި އަތުލައިގެން ތަކެތި އަތުލައިގެންފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ފުލުހުންނާ ކަސްޓަމްސް ގުޅިގެން ހިންގި އޮޕަރޭޝަންތަކުގައާއި ރާއްޖެއަށް ޕޯސްޓް މެދުވެރިކޮށް އެތެރެކުރި ޕާރުސަލެއްގެ ތެރެއިންނާއި އޮޕަރޭޝަނެއްގައި ބަލައި ފާސްކުރި އުޅަނދަކުން އަދި އައްޑޫއަށް މުދާ ބާލަން ދިޔަ ކާގޯ ބޯޓަކުންނެވެ.

ކަސްޓަމްސް އިން މިއަހަރުގެ މިހާތަނަަށް އަތުލައިގެންފައިވާ މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ، 1359 ގްރާމްގެ ކެނެބިސް އާއި 2798 ގްރާމްގެ ހެރޮއިން އާއި، 706 ގްރާމްގެ ހެޝިޝް އޮއިލް ގެ އިތުރުން 355 ޓެބްލެޓުގެ އެކްސްޓަސީ އެވެ. އަދި މެތަމްފެޓަމިންގެ 206 ގްރާމް އަތުލައިގެންފައިވާއިރު، ކެޓަމިންގެ ހަ ގްރާމް އަދި އެމްފެޓަމިންގެ 162 ގްރާމް މިއަހަރުގެ މިހާތަނަށް ކަސްޓަމްސް އިން ވަނީ އަތުލައިގެންފަ އެވެ.