31 May 2017, 14:02
ބާލިން (މޭ 31) : ޖަރުމަނުގެ ޗާނެސެލާ އެންގެލާ މާކަލް އެ ގައުމަށް ވަޑައިގެން އުޅުއްވާ އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީއާ ބާލިންގައި ބައްދަލުކުރައްވައިފި އެވެ.
އެ ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ކުރެއްވި މަޝްވަރާތައް ބިނާކުރެއްވީ ވިޔަފާރި އާއި އިންވެސްޓްމަންޓާއި ސައެންސާއި ޓެކްނޮލޮޖީގެ ދާއިރާތަކުގައި އެއްގައުމުން އަނެއް ގައުމަށް އެއްބާރުލުން ދިނުމާ ބެހޭ ގޮތުންނެވެ. މީގެ އިތުރުން ޓެރަރިޒަމާ ދެކޮޅަށް ހަނގުރާމަކުރުގަ އާއި ޖާސޫސީ މައުލޫމާތު ހިއްސާކުރުމުގައި ދެގައުމުން އެއްބާރުލުން ދިނުމާ ބެހޭ ގޮތުން ވެސް ދެބޭފުޅުންގެ މަޝްވަރާ ކުރެއްވި އެވެ.
މޯދީގެ މިދަތުރުފުޅުގައި ދެ ގައުމުން ވެސް ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެތެރޭގައި ދެގައުމުގެ ވިޔަފާރީގެ މުއާމަލާތްތައް މިހާރަށް ވުރެ ދެގުނަ އިތުރުކުރުމުގެ އެއްބަސްވުންތަކާއި ސިވިލްއޭވިއޭޝަންގެ ދާއިރާއާއި ހަކަތައިގެ ދާއިރާއާއި ދަނޑުވެރިކަމާއި ސިއްހަތާއި ސައެންޓިފިކް ރީސާޗްގެ ދާއިރާތަކުގައި އެއްބާރުލުން ދިނުމާބެހޭ އެއްބަސްވުންތައް ވެސް ހިމެނެ އެވެ.
އިންޑިއާ އާއި ޖަރުމަނާ ދެމެދު މިހާރު ކުރެވޭ ވިޔަފާރީގެ މުއާމަލާތްތަކުގެ މިންވަރަކީ އަހަރަކު 20 ބިލިޔަން ޑޮލަރެވެ. މިއަދަދު ކުރިޔަށް އޮތް ފަސް އަހަރު ތެރޭގައި 40 ބިލިޔަން ޑޮލަރަށް މަތިކުރުމަށް ދެގައުމުން ބޭނުންވެ އެވެ. ޔޫރަޕްގެ އިއްތިޙާދުގައިވާ އިންޑިއާގެ އެންމެ ބޮޑު ވިޔަފާރީގެ ބައިވެރިއަކީ ޖަރުމަނެވެ. ޖަރުމަނަކީ ޔޫރަޕްގައިވާ އެންމެ ބޮޑު ސިނާއީ ގައުމުވެސް މެ އެވެ. އަދި ޔޫރަޕްގެ އެއްވަނަ އިގްތިސާދީ ބާރުވެސް މެ އެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ ޔޫރަޕަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފުރަތަމަ ވަޑައިގެންނެވީ ޖަރުމަނަށެވެ. އެއަށް ފަހު ސްޕޭން އާއި ފަރަންސޭސިވިލާތަށާއި ރަޝިޔާއަށް ޒިޔާރަތް ކުރެއްވުން ވެސް މޯދީގެ ދަތުރުފުޅުގައި ހިމެނެ އެވެ. (ޖަރުމަނު ނޫސްއެޖެންސީ)