13 Jul 2011, 13:16
މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ އާޖެންޓީނާ ތަރި ކާލޮސް ޓެވޭޒަށް ބްރެޒިލްގެ ކޮރިންތިއަންސްއިން ހުށަހެޅި އަގަށް މެންސިޓީ އިން ގަބޫލު ނުކުރުމުން ކޮރިންތިއަންސް އިން އިތުރަށް އަގުމަތިކޮށް ހުށަނާޅާނެ ކަމަށް އެކްލަބުން ބުނެފި އެވެ. މެންޗެސްޓާ ސިޓީއިން ވަނީ ކޮރިންތިއަންސް އިން ޓެވޭޒް ހޯދުމަށް ހުށަހެޅި 35 މިލިޔަން ޕައުންޑް ގަބޫލުނުކޮށް ދޫކޮށްލާފަ އެވެ.
ކާލޮސް ޓެވޭޒް ހޯދުމަށް އެހެން ކްލަބަކުން 50 މިލިޔަން ޕައުންޑްގެ ޓްރާންސްފާ ފީއެއް ހުށަނާޅާ ހިނދަކު އެކްލަބުން ޓެވޭޒް ދޫނުކުރާނެ ކަމަށް ބައެއް މީޑިޔާ ރިޕޯޓްތަކުން ބުނަމުންދާއިރު ކޮރިންތިއަންސް އިން ބުނަމުންދަނީ އެކްލަބުން ހުށަހެޅި އަގަކީ އެންމެ ފަހު އަގު ކަމަށެވެ.
"ކޮރިންތިއަންސް އިން ވާނީ ޓެވޭޒްގެ ސޮއި ހޯދުމަށް 35 މިލިޔަން ޕައުންޑް ހުށަހަޅާފައި. މިއަގަށްވުރެ އިތުރުކޮށްފައި އެހެން އަގެއް ހުށައެއް ނާޅާނަން. އަހަރެން ބްރެޒިލްގެ ކޮޕާ އެމެރިކާ މެޗަށް އާޖެންޓިނާ އަށް ގޮސް ޓެވޭޒްއަށާއި އޭނާގެ އެޖެންޓަކާއި ފޯނުންވެސް ވާހަކަދެއްކިން." ކޮރިންތިއަންސްގެ ރައީސް އަންދްރޭސް ސަންޗޭޒް ބުންޏެވެ.
މިމަހު 20 ގައި ބްރެޒިލްގެ ޓްރާންސްފާ މާކެޓް ބަންދުވާއިރު މިހަފްތާ ނިމެންވާއިރަށް މެންސިޓީއާއި ކޮރިންތިއަންސް އަށް އެއްބަސްވުމަކާއި ހިސާބަށް ނާދެވޭ ނަމަ އެކަން އެހިސާބުން ދޫކޮށްލާނެ ކަމަށް ސަންޗޭޒް ބުނެފައިވެ އެވެ.
"މިކަން އަންނަ އާދީއްތައިގެ ކުރިން ނިނިމޭނަމަ މިއަހަރަކު ޓެވޭޒް ގެނެވޭކަށް ނޯންނާނެ." ސަންޗޭޒް ބުންޏެވެ.
ކޮރިންތިއަންސް އަށް ކުރިން ކުޅެމުންއައި ބްރެޒިލް ތަރި ރޮނާލްޑޯ ރިޓަޔާ ކުރުމާއި ގުޅިގެން އެކްލަބަށް ވަނީ ތަޖުރިބާކާރު ކުޅުންތެރިއެއް ގެންނަން ޖެހިފަ އެވެ. ޓެވޭޒް ޕްރެމިއާ ލީގަށް 2006 ވަނަ އަހަރު އައުމުގެ ކުރިން ޓެވޭޒް ވަނީ ކޮރިންތިއަންސް އަށް ދެއަހަރު ދުވަހު ކުޅެފަ އެވެ. އެހެންކަމުން ޓެވޭޒްގެ ކުރީގެ ކްލަބަށް އެނބުރި ދިއުމަކީ ގާތް ކަމެކެވެ.
ކޮރިންތިއާންސްއާ އެކު އެއްބަސްވުމަކަށް ނާދެވޭނަމަ ދެން ޓެވޭޒް ދިއުން އެންމެ ކައިރީ ސްޕެއިންގެ ރެއާލް މެޑްރިޑަށެވެ. ރެއާލް މެޑްރިޑަށް ޓެވޭޒް ބަދަލުވެދާނެ ކަމަށް އޭނާގެ އެޖެންޓް ކިއާ ޖޫރާބްޗިއާން ވެސް ބުނެފައިވެ އެވެ.
ޓެވޭޒް މެންޗެސްޓާ ސިޓީ ދޫކޮށް ދާން އުޅެނީ ކޮންމެހެން އެހެން އިނގިރޭސި ކްލަބަކަށް ދާކަށް ނޫން. އިނގިރޭސިވިލާތަށް ޓެވޭޒްގެ އާއިލާ ހޭނިފައި ނުވުމުން. ސްޕެއިން އަށް ބަދަލުވުމުން މިމައްސަލަތައް ހައްލުވުން ވަރަށް ގާތް. އެއީ ސްޕެއިންގައި ވެސް ވަހަކަ ދައްކަނީ އެއްބަހަކަށްވެފައި އާޖެންޓީނާ އަދި ބްރެޒިލްގެ ގިނަ ކުޅުންތެރިންތަކެއް އަވަހަށް ސްޕެއިން އަށް ހޭނިފައިވާތީ" ޓެވޭޒްގެ އެޖެންޓް ޖީރާބްޗި ބުންޏެވެ.