31 May 2017, 12:55
މާލޭގެ ބައެއް ސަރަހައްދުތަކުން ހިނގާފައި އަދި ސައިކަލުގައި އުޅޭ މީހުންނަށް ބިރުދައްކައި އަތުގައި ހުންނަ ފައިސާ ފޭރޭ ކަމަށް ބުނެ ފުލުހުންނަށް މައްސަލަ ހުށަހަޅައިފި އެވެ.
މިއަދު ސޯޝިއަލް މީޑިއާގައި އާންމު ވަމުންދާ ޕޯސްޓެއްގައި ބުނާ ގޮތުން ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ބިލަބޮންގް ސްކޫލާ ދިމާލު ގޯޅިތެރޭން ތިން އަންހެނަކާއި ހަތަރު ފިރިހެނަކަށް ވަނީ ވަޅިން ބިރު ދައްކައި އަތުގައި ހުރި ފައިސާ އާއި މުދާ ފޭރިފަ އެވެ.
އޭގެ އިތުރުން އެފަދަ ހާދިސާއެއް ކުރިމަތިވި މީހަކު އޭނާގެ ވާހަކަތައް ވަނީ 'ސަން' އާ ހިއްސާކޮށްފަ އެވެ. އެގޮތުން ހެލްތު މިނިސްޓްރީ ކައިރި ގޯޅިއަކުން ދަނިކޮށް ހިފަހައްޓައި ބިރުދެއްކުމަށް ފަހު ކޭޝް ކާޑުގެ ޕިން ނަމްބަރު ހޯދައި ފައިސާ ނެގި ކަމަށް އެމީހާ ބުންޏެވެ.
އަދި ބިރު ދައްކައި ފޯނުގެ ޕިން ކޯޑު ޖެހުވުމަށް ފަހު ފޯނު ވެސް އަތުލި ކަމަށް އެމީހާ ބުންޏެވެ.
އެގޮތަށް ބިރުދެއްކުމަށް ފަހު ފުލުހުންނަށް ރިޕޯޓު ކޮށްފި ނަމަ މަރާލާނެ ކަމަށް ބުނެ އިންޒާރު ދެމުންދާ ކަމަށް ވެސް ސޯޝިއަލް މީޑިއާގައި ވަނީ ބުނެފަ އެވެ.
އެކަމާ ގުޅިގެން 'ސަން' އިން ސުވާލު ކުރުމުން ފުލުހުން ބުނީ އެކަހަލަ މައުލޫމާތުތަކެއް ލިބިފައިވާ ކަމަށެވެ. އަދި މިހާރު ފުލުހުން އެކަންކަން ބަލަމުންދާ ކަމަށާއި އެފަދަ ހާދިސާތައް ދިމާވާ ހިސާބު މަގުތައް ފުލުހުން އިތުރަށް ޕެޓްރޯލް ކުރަމުން ދާނެ ކަމަށެވެ.