ކާބުލް (މެއި 31): އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގައި ހާރިޖީ އެމްބަސީތަކާއި ރިޔާސީ ގަނޑުވަރު ހުންނަ ސަރަހައްދާ ކައިރީގައި ބާރުގަދަ އެއްޗެއް ގޮވުމުގެ ސަބަބުން ނުވަ މީހަކު މަރުވެ، 92 މީހަކު ޒަހަމްވެއްޖެ އެވެ.

މަންޒަރު ދުށް ފަރާތްތަކުން ބުނާ ގޮތުގައި ހަމަލާ ދިން ސަރަހައްދުން ބޮޑު ދުންގަނޑެއް އެރި މަންޒަރު ފެނުނެވެ. އަދި އެހަމަލާގެ ސަބަބުން އެތައް ސަތޭކަ މީޓަރު ދުރުގައި ހުރި އިމާރާތްތަކަށް ވެސް ގެއްލުން ލިބުނު ކަމަށް އެފަރާތްތަކުން ބުންޏެވެ.

ބައެއް ރިޕޯޓުތަކުގައިވާ ގޮތުން އެހަމަލާއަކީ ޒަންބާގް ސްކޮއާގައި ދިން ކާރު ބޮމުގެ ހަމަލާއެކެވެ. އަދި ކާބުލްގެ ފުލުހުންގެ ތަރުޖަމާނު ބާސިރު މުޖާހިދު ވިދާޅުވި ގޮތުގައި އެހަމަލާ ދިނީ ޖަރުމަނު އެމްބަސީ ކައިރީގަ އެވެ. ނަމަވެސް އެ ސަރަހައްދުގައި އެހެން މުހިއްމު އޮފީސްތައް ވެސް ހުރުމުން ހަމަލާދިން މީހުންގެ އަމާޒަކީ ކޮބައިކަން ޔަގީން ނުވެ އެވެ.

އެ ހަމަލާގެ ޒިންމާ އަދި އެއްވެސް ޖަމާއަތަކުން ނަގާފައި ނުވެ އެވެ. ނަމަވެސް މިދިޔަ މަހު ތާލިބާނުން ވަނީ އަފްގާނިސްތާނުގައި ހަރަކާތްތެރިވާ ބޭރުގެ ފައުޖުތަކާ ދެކޮޅަށް ވަރުގަދަ ހަމަލާތަކަށް ދޭނެ ކަމަށް ބުނެފަ އެވެ. (ބީބީސީ)