ދިރާގު ޕލކގެ މެޖޯރިޓީ ހިއްސާދާރު، ބަހުރައިންގެ ބަޓެލްކޯ ގްރޫޕުން ދިރާގުގެ ޑިރެކްޓަރުންގެ ބޯޑަށް އާ ދެ ބޭފުޅުން އައްޔަނުކޮށްފި އެވެ.

ދިރާގުން ބުނެފައިވާ ގޮތުން، ދިރާގުގެ ބޯޑަށް އަލަށް އައްޔަނުކޮށްފައިވާ ދެ ބޭފުޅުންނަކީ ބަހުރައިންގެ ބޭކަނބަލެއް ކަމުގައިވާ ޚުލޫދު ރާޝިދު އަލް ޤައްތާނީއާއި، ޑެންމާކުގެ ބޭފުޅެއް ކަމުގައިވާ އޮލިވާ މެކްފޯލެވެ. މި ދެ ބޭފުޅުންނަކީ ވެސް ބަޓެލްކޯ ގްރޫޕުގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނިވަޑައިގަންނަވާ ދެ ބޭފުޅުންނެވެ.

ދިރާގުން ބުނީ އެކުންފުނީގެ ބޯޑަށް ޚުލޫދާއި އޮލިވާ އައްޔަނު ކުރެއްވީ، އެ ބޯޑުގައި ހިމެނިވަޑައިގެންނެވި ދެ ބޭފުޅުން ކަމުގައިވާ ޑރ. އިބްރާހިމް މުހައްމަދު އަހްމަދު އަބްދުލްޤާދިރާއި، ރާއިދު ފަޚްރީ ވަކިކުރުމަށް ފަހު އެވެ.

ބަޓެލްކޯ އިން ދިރާގުގެ ބޯޑަށް ގެނެސްފައި ވަނީ މެއި މަހުގެ 22 ވަނަ ދުވަހު އެވެ.

ދިރާގުގެ ބޯޑަށް އަލަށް އައްޔަން ކުރި އަންހެން ބޭކަނބަލު، ޚުލޫދު ޤައްތާނީއަކީ ބަޓެލްކޯގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލުކުރައްވާ ޑިރެކްޓަރެވެ. އޭނާއަކީ އެކައުންޓިންގްގެ ދާއިރާ އިން ޑިގްރީ ހާސިލުކުރައްވައި، ބޭންކިންގް ދާއިރާގައި 20 އަހަރަށް ވުރެ ގިނަ އަހަރުގެ ތަޖުރިބާ ލިބިގެންވާ ބޭކަނބަލެކެވެ. އޭނާ ވަނީ ބަހުރައިނާއި މެދު އިރުމަތީގެ އެކިއެކި މާލީ އިދާރާތަކާއި ބޭންކުތަކުގައި އިސް މަގާމުތައް ފުރުއްވައިފަ އެވެ.

ޚުލޫދަކީ ދިރާގުގެ ބޯޑުގައި ހިމެނިވަޑައިގަންނަވާ ތިންވަނަ އަންހެން ބޭކަނބަލެވެ. މީގެ ކުރިން، 2008 އިން 2010 ޖުވައިރިޔާ ސައީދު ކުރެއްވި އިރު، 2012 ވަނަ އަހަރު އިދުހާމް ހުސައިން ވަނީ ދިރާގުގެ ބޯޑު މެމްބަރުކަން އަދާކުރައްވައިފަ އެވެ.

ބޯޑަށް އަލަށް އައްޔަނުކުރެއްވި އޮލިވާ މެކްފޯލަކީ އިންޓަނޭޝަނަލް މެނޭޖްމެންޓް ކޮންސަލްޓޭޝަންގެ ދާއިރާއިން 30 އަށް ވުރެ ގިނަ އަހަރުގެ ތަޖުރިބާ ލިބިގެންވާ ބޭފުޅެކެވެ. އޭނާގެ ކްލަޔަންޓުންގެ ތެރޭގައި ނޮކިއާ، އެކްސެލް، އޮރެންޖް، ބަހްރައިންގެ މިނިސްޓްރީ އޮފް ފިނޭންސް، ބަހްރައިންގެ އިކޮނޮމިކް ޑިވެލޮޕްމެންޓް ބޯޑު އަދި ބަހްރައިންގެ އެލުމިނިއަމް ކުންފުނި "އަލްބާ" ހިމެނެ އެވެ.

ދިރާގުގެ ބޯޑުގައި ހިމެނޭ ފަރާތްތަކަކީ ޗެއާމަން މުހައްމަދު އަޝްމަލީ، ޑެޕިއުޓީ ޗެއާޕާސަން އަބްދުލްރަހްމާން ޔޫސުން ބިން ފަޚްރޯ، ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އިސްމާއިލް ރަޝީދު، އަދި ނޮން-އެގްޒެކެޓިވް ޑިރެކްޓަރުން އިހާބު އަންވަރު ހިންނާވީ، އަބްދުﷲ އަހްމަދު، އިމްރާން އަލީއާއި އަހްމަދު މުހައްމަދު ދީދީގެ އިތުރުން، އަލަށް އައްޔަނު ކުރެވުނު ޚުލޫދު ޤައްތާނީއާއި އޮލިވާ މެކްފޯލެވެ.

ދިރާގުން މިދިޔަ ހަފްތާގައި ވަނީ އެކުންފުނީގެ ކުލަ، ރަތް ކުލައިން އޮރެންޖު ކުލައަށް ބަދަލުކޮށް، ކުންފުނީގެ ލޯގޯއަށް ވެސް ބަދަލެއް ގެނެސްފަ އެވެ.