13 Jul 2011, 13:07
ރައްޔިތުންގެ މަޖިލީހުގެ މަސައްކަތައް ދަތިވާ ގޮތަށް އެއްވެސް ފަރާތެއްގެ އަމަލުތައް ނުބެހެއްޓުމަށާއި މަޖިލީސް ކުރާ ގެ ކައިރިއަށް އެއްވެ ހަމަނުޖެހުން ނުހިންގުމަށް ހިއުމަން ރައިޓްސް ކޮމިޝަން )އެޗްއާރްސީއެމް( އިން ގޮވާލައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ހުއްޓުވަމުން ގެންދާ މައްސަލަ އާއި ގުޅިގެން އެޗްއާރުސީއެމުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނަނީ ރައްޔިތުންގެ ހައްގުތަކާ ގުޅުންހުރި ގިނަ ބިލްތަކެއް މަޖިލީހަށް ހުށަހެޅިފައިވާ ދުވަސްވެރެއްގައި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ނުގޮސް މަޖިލިސް ހުއްޓުމަކަށް އައުމަކީ އެކޮމިޝަނުން ކަންބޮޑުވާ ކަމެއް ކަމަށެވެ.
ގާނޫނު އަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ހައްގުތައް ލިބުމަށް ބޭނުންވާ ގިނަ ޤާނޫނުތަކެއް އަވަހަށް ވުޖޫދަށް އައުމަކީ ރައްޔިތުންނަށް ފުރިހަމަ ގޮތުގައި ހައްގުތައް ލިއްބައިދިނުމަށް ކޮންމެހެން ބޭނުން ކަމަކަށްވާއިރު މަޖިލީހުގެ މަސައްކަތްތައް ނުހުއްޓި ކުރިއަށްދާނޭ ގޮތަކަށް މަޖިލީހުގެ އެންމެހާ މެމްބަރުން މަސައްކަތް ކޮށްދެއްވުމަށް އެކޮމިޝަނުން ވަނީ އިލްތިމާސްކޮށްފަ އެވެ.
މީގެއިތުރުން މަޖިލީހުގެ މަސައްކަތް އަވަސްކޮށް މަޖިލީސް ހުއްޓިފައިވާ ހުއްޓުމަށް ހައްލެއް ގެނައުމަށްޓަކައި ސުލްހަވެރިކަމާއެކު މަޝްވަރާގެ އުސޫލުން ރައްޔިތުންގެ ހައްގުގައި ކުރައްވަންޖެހޭ މަސައްކަތްތައް ހަލުވިކަމާ އެކު ކުރެއްވުމަށް ވެސް ރައްޔިތުންގެ މަޖިލީހުގެ އެންމެހާ އިއްޒަތްތެރި މެމްބަރުންނަށް އެކޮމިޝަނުން ވަނީ އިލްތިމާސްކޮށްފަ އެވެ.