31 May 2017, 01:47
އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ކުންފުންޏަކަށް ހަދައި، އެކުންފުނީގެ ހިއްސާ ގަތުމަށް އާންމުންނަށް ހުޅުވައިލި ފުރުސަތުގެެ މުއްދަތު ހޯމަ ދުވަހުގެ ރެއަށް ހަމަވެއްޖެއެވެ.
އުރީދޫ މޯލްޑިވްސްއިން އިއްޔެ ބުނި ގޮތުގައި، އޭޕްރިލް 30 އިން ފެށިގެން މެއި 29 ވަނަ ދުވަހުގެ ނިޔަލަށް އުރީދޫން އެކުންފުނީގެ އިނީޝަލް ޕަބްލިކް އޮފަރިންގް ކުރިޔަށް ގެންދިޔަ އިރު، މިއީ މިހާތަނަށް ރާއްޖޭގައި ކުރިޔަށް ގެންދިޔަ އެންމެ ބޮޑު އައިޕީއޯ ކަމަށެވެ.
އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބު ޚާން ވިދާޅުވީ، އުރީދޫގެ އައިޕީއޯއަކީ މިހާތަނަށް ރާއްޖޭގެ އެންމެ ބޮޑު އައިޕީއޯ ކަމަށް ވިދާޅުވަނީ، ވިކިފައިވާ ހިއްސާގެ މިންވަރަށް ބަލާފައި ކަމަށެވެ. އެހެން ނަމަވެސް ވިކުނު ހިއްސާގެ އަދަދެއް އުރީދޫއިން ހާމައެއް ނުކުރެއެވެ.
"މިފަދަ ތަރުޙީބެއް ލިބުމަކީ އަޅުގަނޑުމެންނަށް ލިބިގެންދިޔަ ފަޚުރެއް،" ނަޖީބު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޑިޖިޓަލް ޚިދުމަތް މެދުވެރިކޮށް ދިވެހީން ބާރުވެރިކުރުވުމަށް އުރީދޫއިން ކުރާ މަސައްކަތަށް އިންވެސްޓް ކުރެއްވިކަމަށްޓަކައި، އުރީދޫގެ ހިއްސާ ގަތް ހުރިހާ ފަރާތްތަކަށް މަރުހަބާ ކިޔައި، ޝުކުރު އަދާކުރައްވާ ކަމަށެވެ.
އުރީދޫގެ އައިޕީއޯގެ ދަށުން ވިއްކަން ހުޅުވާލީ އުރީދޫ މޯލްޑިވްސްގެ ހިއްސާގެ 15 ޕަސަންޓު، ނުވަތަ 22،170،0600 ހިއްސާއެވެ.
އުރީދޫއިން ބުނާ ގޮތުގައި، ހިއްސާތައް 15 ޖޫންއާ ހަމައާށް އެލޮކޭޓްކޮށް ނިމޭނެއެވެ. އަދި ހިއްސާގެ ބާޒާރުގައި ހިއްސާ ގަނެ ވިއްކުމުގެ ކަންކަން، އޯގަސްޓް ހަތްވަނަ ދުވަހުން ފެށިގެން ކުރިޔަށް ދާނެއެވެ.
އުރީދޫގެ ހިއްސާ ވިއްކުމުގެ ކަންކަން މާލެއާއި އަތޮޅުތެރޭގައި ކުރިޔަށް ދިޔައެވެ. އެގޮތުން ފޯމު ފުރައިގެން ހިއްސާ ވިއްކުމުގެ އިންތިޒާމު ހަމަޖެހިގެން ދިޔަ އިރު، ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށާއި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ "އިންފިނިޓީ" ޕޯޓަލް މެދުވެރިކޮށް ވެސް ހިއްސާ ގަތުމުގެ އިންތިޒާމު ހަމަޖެހިފައި އޮތެވެ.
އުރީދޫ މޯލްޑިވްސްގެ ބޯޑުގައި މިވަގުތު ހިމެނެނީ 8 ޑިރެކްޓަރުންނެވެ. އެއީ ކުންފުނީގެ ޗެއާމަން ޚާލިދު އިބްރާހިމް އަލް މަހުމޫދާއި، މެނޭޖިންގް ޑިރެކްޓަރު ވިކްރަމް ސިންހައާއި، ސީއީއޯ ނަޖީބު ޚާނާއި، ސީއެފްއޯ ރާމަނަތަން ސިވާކުމާރާއި، ކޮމްޕެނީ ސެކްރެޓަރީ ދީނާ ހުސައިނާއި، އިންޑިޕެންޑެންޓް ޑިރެކްޓަރުން ޑރ. ހާމިދު މުހައްމަދު އަލް މަރާފީއާއި ޚާލިދު ހައްސާން އަލް ހަމަދީއާއި އިއަން ގްރޭންޓް ފެންޓަނެވެ.
އުރީދޫ މޯލްޑިވްސްއަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި 480 މިލިޔަން ރުފިޔާ ލިބުނު އިރު، 169 މިލިޔަން ރުފިޔާގެ ފައިދާއެއް އެކުންފުންޏަށް ލިބިފައިވެއެވެ.