30 May 2017, 23:29
މިއަދު ހަވީރު ފެށި، މިއަހަރުގެ ވެޓެރަންސް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގެ ފުރަތަމަ ހާފް ކުޅުނު ފަހުން، ބޯކޮށް ވާރޭވެހި މޫސުން ތަން ނުދިނުމުގެ ސަބަބުން އެ މެޗު ކެންސަލްކޮށްފިއެވެ.
މޯލްޑިވްސް ސޮކަރ މޭޓްސްގެ ފަރާތުން އިންތިޒާމްކޮށްގެން މި ރޯދަމަހު ކުރިއަށް ގެންދާ މި މުބާރާތުގައި މިއަދު ހަވީރު ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ކްލަބު ވެލެންސިއާގެ ވެޓެރަންސް ޓީމު ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަނުވަނީސް މެޗު ހުއްޓާލައި، ފަސްކުރާން ޖެހުމުގެ ސަބަބުން، ސޮކަ މޭޓްސްއިން ބުނީ، މާދަމާ ހަވީރު އަލުން މި މެޗު ކުޅުމަށް މިހާރު ހަމަޖެހިފައިވާ ކަމަށެވެ.
"ރަމަޟާން ވެޓެރަންސް ކަޕް ހުޅުވުމުގެ ގޮތުން ނިއުރޭޑިއަންޓާއި ވެލެންސިއާ ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފަށްފަހު ވަނީ ކުޅުން ހުއްޓާލާފައި. އަދި ބޯކޮށް ވާރޭވެހި ދަނޑުގައި ނުކުޅެވޭވަރު ވުމުން މެޗު ކެންސަލްކުރީ،" މުބާރާތް އިންތިޒާމްކުރާ ފަރާތުން ބުންޏެވެ.
"މިހާރު މި މެޗު އަލުން ކުޅުމަށް ހަމަޖެހިފައި ވަނީ، 31 މޭ 2017 ވަނަ ދުވަހުގެ ހަވީރު 16:30ގައި."
ސޮކަރ މޭޓްސްއިން ބުނީ، މި ބަދަލާ ގުޅިގެން މުބާރާތުގެ ދެވަނަ މެޗު ކުޅޭ ތާރީޚަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.
"އެހެންކަމުން ދެވަނަ މެޗުގެ ގޮތުގައި ގްރީން ސްޓްރީޓާއި ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ) ބައްދަލުކުރާ މެޗު 1 ޖޫން 2017 ވަނަ ދުވަހުގެ ހަވީރު 16:30އަށް ވަނީ ބަދަލުކުރެވިފައި."
ދެވަނަ މެޗު ކުޅޭ ތާރީޚަށް ބަދަލު ގެނައި ނަމަވެސް، ބާކީ ހުރި މެޗުތަކަށް އެއްވެސް ބަދަލެއް ނާންނާނެކަމަށް ސޮކަމޭޓުން މައުލޫމާތުދެއެވެ.
މިފަހަރުގެ ވެޓެރަންސް ފުޓްބޯޅަ މުބާރާތުގައި ވާދަކުރަނީ ޖުމުލަ ހަތް ޓީމެވެ. އެގޮތުން ޓީސީ ސްޕޯޓްސް އާއި ޔުނައިޓެޑް ވިކްޓަރީ ފިޔަވައި ފުރަތަމަ ޑިވިޝަންގެ ހުރިހާ ޓީމެއް މި މުބާރާތުގައި ވާދަކުރެއެވެ.
ގްރޫޕް އޭ:
- ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު
- ކްލަބު ވެލެންސިއާ
- ކްލަބު އީގަލްސް
- މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
ގްރޫޕް ބީ
- ދިވެހި ސިފައިންގެ ކްލަބު
- ކްލަބު ގްރީން ސްޓްރީޓްސް
- ވިކްޓަރީ ސްޕޯޓްސް ކްލަބު
ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގެ ފުރަތަމަ ބުރު ނިމޭއިރު، ގްރޫޕް އޭގެ ހަތަރު ވަނައަށް ދާ ޓީމާއި ގްރޫޕް ބީގެ ތިން ވަނައަށް ދާ ޓީމާ ދެމެދު ޕްލޭއޮޕް މެޗެއް ކުޅޭނެއެވެ. ދެވަނަ ބުރަށް ދަތުރުކުރާނީ، ގްރޫޕް އޭގެ އެންމެ މޮޅު ތިން ޓީމާއި ބީގެ އެންމެ މޮޅު ދެޓީމާއި އަދި ޕްލޭ އޮފް މެޗުން މޮޅުވާ ޓީމެކެވެ.
ދެވަނަ ބުރުގެ މެޗުތައް ވެސް ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާއިރު، ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ވާދަކުރާނީ، ގްރޫޕް 1ގެ އެއްވަނައާއި ގްރޫޕް 2ގެ އެއްވަނައެވެ. އަދި ދެވަނަ މެޗުގައި ގްރޫޕް 1ގެ ދެވަނައާއި ގްރޫޕް 2ގެ ދެވަނަ ވާދަކުރާއިރު ތިން ވަނަ ސެމީގައި ވާދަކުރާނީ ފުރަތަމަ ސެމީން ބަލިވާ ޓީމަކާއި ދެވަނަ ސެމީން މޮޅުވާ ޓީމެކެވެ.
މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ، ޖޫން 24 ވަނަ ދުވަހު ހަވީރު 16:15ގައެވެ.