ދިއްގަރު ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ފާރިސް މައުމޫންގެ ނުދީ އޮތީ އެމަނިކުފާނު ރާއްޖޭން ބޭރަށް ވަޑައިގެންނެވުމަށްފަހު އަނބުރާ ނައިސްދާނެ ކަމަށް ބެލެވޭތީ ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.

ފާރިސް ވަނީ އޭނާގެ އާއިލާގެ ގާތް ބޭފުޅަކަށް އިންޑިއާގެ ބެންގަލޫރުގައި ފަރުވާދެމުން އަންނަ ކަމަށް ވިދާޅުވެ އޭނާގެ ޕާސްޕޯޓް ހަވާލުކޮށްދިނުމަށް އެދިފައެވެ. ނަމަވެސް ކަމާބެހޭ އިދާރާތަކުން ވަނީ އޭނާގެ ޕާސްޕޯޓް ނުދީ ހިފަހައްޓައިފައެވެ.

އެކަމާ ގުޅިގެން ހޯމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ފާރިސް އާ ގުޅޭގޮތުން ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައެއްގައި އެމަނިކުފާނު ފުލުހުންގެ އިދާރާއަށް ހާޒިރުކުރި ނަމަވެސް، ތަހުގީގަށް އެންމެ އެކަށީގެންވާ އެއްބާރުލުން އެމަނިކުފާނުގެ ފަރާތުން ފުލުހުންނަށް ލިބިފައިނުވާ ކަމަށެވެ.

އޭގެ އިތުރުން ފާރިސްގެ އާއިލާއާ ގުޅުމެއް އޮންނަ އަހުމަދު ޞަފްވާން ވެސް ފުލުހަށް ހާޒިރު ކުރުމަށް އެތައް ގޮތަކުން މަސައްކަތް ކޮށްވެސް އޭނާ ފުލުހުންގެ އިދާރާއަށް ހާޒިރުނުވެ، ރާއްޖެއިން ބޭރުގައި "ފިއްލަވައިގެން" ހުންނެވީވެސް ފާރިސް މައުމޫންގެ އާއިލާގެ އެހީތެރިކަމެއް އޮވެގެން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ހޯމް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

އެހެންކަމުން ފާރިސްގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނީވެސް އެމަނިކުފާނު ރާއްޖެއިން ބޭރަށް ވަޑައިގެންފިނަމަ، ތަހުގީގަށް ހުރަސް އެޅުމުގެ ގޮތުން އެމަނިކުފާނުވެސް އެނބުރިވަޑައިނުގެން ރާއްޖެއިން ބޭރުގައި މަޑުކުރެއްވުމަކީ އެކަށީގެންވާ ކަމަކަށް ވާތީކަމަށް ހޯމް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

ހޯމް މިނިސްޓްރީގެ ބަޔާނުގައި ބުނީ، ސަރުކާރުގެ އިސް މަގާމުތައް ފުރުއްވަމުން ގެންދަވާ، ފާރިސް މައުމޫންގެ އެއްބަނޑު އެއްބަފާ ދެބޭފުޅަކަށް ފާރިސް ވިދާޅުވަމުން ގެންދަވާ އާއިލީގޮތުން ގާތް ބޭފުޅާގެ އަރިހަށް ޒިޔާރަތް ކުރެއްވޭގޮތަށް ސަރުކާރުގެ ފަރާތުން މަގުފަހިކޮށްދީ ލުއިފަސޭހަގޮތްތައް ހަމަޖައްސާދީފައިވާ ކަމަށެވެ.

ފާރިސްގެ ޕާސްޕޯޓް ދޫނުކުރި ސަބަބުގެ އިތުރުން، ހޯމް މިނިސްޓްރީން ބުނީ އެފަދަ ކަންކަމުގައި ދިވެހި އެންމެހާ ރައްޔިތުންގެ މެދުގައި އިންސާފުވެރިކަމާ އެކު އެއްހަމައެއްގައި އަމަލުކުރުމަކީ މުހިންމު ކަމެއްކަމުގައި ސަރުކާރުން ދެކޭ ކަމަށެވެ.

އަދި ތަހުގީގީ މަރުހަލާއެއްގައި މައްސަލައެއްގެ ތަހުގީގު ނިމުމުގެ ކުރިން، އެއްވެސް ފަރާތަކަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގެންނެވުމަކީ ތަހުގީގަށް ހުރަސްތަކެއް ކުރިމަތިވާނެ ކަމެއްކަމަށް ބެލެވޭތީ އާއި، ފާރިސްގެ މައްސަލައިގެ ކަންކަން މިހާތަނަށް ކުރިއަށްގޮސްފައިވާ ގޮތަށް ބަލައި، އެމަނިކުފާނަށް ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދަ ދިނުމަށް ކަމާބެހޭ މުއައްސަސާތަކުން އުޒުރުވެރިވާ ކަމަށް ހޯމް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.