30 May 2017, 22:00
ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާގައި، ގިނަ ދުވަސްތަކެއް ވަންދެން އަގުހުރި ޚިދުމަތްތަކެއްކުރައްވާފައިވާ ފާތިމަތު ޒަރީނާ (ކުރަހާ ޒަރީނާ) ނިޔާވެއްޖެއެވެ.
ދިވެހި ފިލްމު ދޮންމަންމަ، އަމާނާތް، ދެރިޔާ ފަދަ ފިލްމުތަކުގައި އެކްޓްކޮށްފައިވާ، ޒަރީނާ ނިޔާވީ، ހޯމަ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ.
ޒަރީނާގެ އާއިލާގެ މެންބަރަކު ސަންއަށް މައުލޫމާތުދިން ގޮތުގައި، އުމުރުން 74 އަހަރުގެ ޒަރީނާ ނިޔާވީ މީގެ ހަފްތާއެއްހާ ދުވަސްކުރީން، ސްޓްރޯކެއް ޖެހުމުގެ ސަބަބުން ކޯމާއެއްގައި އޮއްވައެވެ.
"ބަލިވެއުޅޭތާ ދުވަސްތަކެއް ވެއްޖެ. ދެ ކިޑްނީ ފެއިލްވެފައި، ދެން މީގެ ހަފްތާއެއްހާ ދުވަސްކުރީން ސްޓްރޯކެއް ޖެހުމުގެ ސަބަބުން ކޯމާއަކަށް ދިޔައީ. އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ނިޔާވީ،" މަރްހޫމާ ޒަރީނާގެ އާއިލާގެ މެންބަރު ކިޔައިދިނެވެ.
ކުރީން ދިވެހި ފިލްމީ ދާއިރާގައި ގިނަ ދުވަސްތަކެއް ހޭދަކޮށްފައިވާ މަޝްހޫރު އިބްރާހިމް ޝާކިރު (ޝާކިރުބެ)ގެ އަނބިކަނބަލުން ޒަރީނާއަކީ، ފިލްމާއި ޑްރާމާ ކުޅުމުގެ އިތުރުން، ވާހަކަލިޔުމުގެ ވެސް ފަންނުވެރިއެކެވެ.
ޒަރީނާ ވަނީ، އައިޖީއެމްއެޗްގެ ވަޒީފާގައިވެސް ގިނަދުވަސްތަކެއް ވަންދެން ޚިދުމަތްކުރައްވައިފައެވެ.