އަމާޒަކީ ޕޮއިންޓެއް ހޯދުން ނޫންކަމަށާއި ބޭނުންވަނީ ތިން ޕޮއިންޓް ހޯދައިގެން ރާއްޖެ ފަހުރުވެރި ކޮށްދިނުމަށްކަމަށް މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ) ބުނެފިއެވެ.

އޭއެފްސީ ކަޕްގައި އިންޑިއާގެ ބެންގަލޫރު އެފްސީއާ ދެކޮޅަށް މާޒިޔާ ކުޅޭ މެޗުގެ ކުރިން ރާއްޖޭގެ ބައެއް މީޑިޔާތަކަށް މައުލޫމާތު ދެމުން، ރާއްޖޭގެ އެންމެ މޮޅު އެއް ކުޅުންތެރިއާ އަސަދުﷲ ބުނީ މާޒިޔާއާ ދެކޮޅަށް ނުކުންނަ ޓީމަކީ ވަރުގަދަ ޓީމެއް ކަމަށާއި ނަމަވެސް މާޒިޔާއިން ނުކުންނާނީ އެ މެޗުން ތިން ޕޮއިންޓާ އެކު ދެވަނަ ބުރު ކަށަވަރު ކުރުމަށްކަމަށެވެ.

އަސައްކޮ ބުނީ ޓީމުގެ ވިސްނުން އޮތީ ޕޮއިންޓަކުން ފުއްދާލައިގެން ދެވަނަ ބުރަށް ދިޔުން ނޫންކަމަށާއި އަމާޒަކީ ތިން ޕޮއިންޓާ އެކު ދެވަނަ ބުރުގެ ޖާގައެއް ކަށަވަރު ކުރުން ކަމަށެވެ.

އަދި މިހާތަނަށް އޭއެފްސީ ކަޕްގެ ދެވަނަ ބުރަށް ދިޔުމުގެ ފަހުރު އޮތް ރާއްޖޭގެ ހަމައެކަނި ޓީމަކީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބު ކަމުގައިވީ ނަމަވެސް އުންމީދަކީ މި ފަހަރު މާޒިޔާ އެ މުބާރާތުގެ ދެވަނަ ބުރަށް ގޮސް އެ ތާރީހު ބަދަލުކުރުން ކަމަށްވެސް އަސައްކޮ ބުންޏެވެ.

ގްރޫޕް ސްޓޭޖުގައި މިހާތަނަށް ކުޅުނު އެއް މެޗު ފިޔަވައި ދެން ހުރިހާ މެޗެއް ކާމިޔާބުކޮށް މާޒިޔާ އޮތީ 12 ޕޮއިންޓާ އެކު ގްރޫޕްގެ އެއްވަނައިގައެވެ. ބެންގަލޫރު އެފްސީ ދެވަނައިގައި 9 ޕޮއިންޓާ އެކު އޮތް އިރު މި ދެޓީމް ވާދަކުރާ މެޗަކީ ދެޓީމަށް ވެސް ވަރަށް މުހިއްމު މެޗަކަށް ވެގެންދާނެއެވެ.

މީގެ ކުރިން މިދެޓީމު މާލޭގައި ބައްދަލުކުރި މެޗަށް ބަލާއިރު އެ މެޗު ކާމިޔާބުކޮށްފައިވަނީ ބެންގަލޫރު އެފްސީންނެވެ. އެ މެޗުގެ ފަހު ވަގުތު ކާމިޔާބުކުރި ލަނޑާއެކު ބެންގަލޫރު މޮޅުވި ނަމަވެސް އެ މެޗުގައި މާޒިޔާއިންވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ.

ބެންގަލޫރު އަދި މާޒިޔާ ކުޅޭ މެޗު އޮންނާނީ މާދަމާ ހަވީރު 18:45 ގައެވެ.