ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ރޭކުޅުނު ގްރޫޕް ސީގެ ދެމެޗް ވެސް އެއްނަތީޖާ އަކުން ނިމިއްޖެ އެވެ.

އުރުގުއާއީ އާއި މެކްސިކޯ ބައްދަލުކުރި މެޗް 1-0 ން ކާމިޔާބުކުރީ އުރުގުއާއީ އެވެ. އަނެއް މެޗްގައި ޗިލީއާއި ޕެރޫ ބައްދަލުކުރި މެޗް 1-0 ން ކާމިޔާބުކުރީ ޗިލީ އެވެ. ގްރޫޕް ސީގެ އެއް ވަނަ ޓީމްގެ ގޮތުގައި ކުއާޓަރ ފައިނަލަށް ޗިލީ ދަތުރުކުރިއިރު ދެވަނަ ޓީމެއްގެ ގޮތުގައި ދަތުރުކުރީ އުރުގުއާއީ އެވެ. ތިން ވަނަ އަށްދާ ޓީމުތަކުން އެންމެ ގިނަ ޕޮއިންޓް ހޯދި ދެޓީމަށް ކުއާޓަރ ފައިނަލުން ޖާގަ ލިބޭއިރު އެއްޓީމަކަށް ޕެރޫ ހިމެނިގެން ދިއުމުގެ ފުރުސަތު ބޮޑެވެ.

އުރުގުއާއީން މެޗް ފަށައިގަތްއިރު މެކްސިކޯގެ ކުޅުންތެރިން އެކުޅުންތެރިންގެ މަގާމަށް ރަނގަޅަށް ނުކުޅެވުނުކަން ވަރަށް ފާހަގަކޮށްލެވުނެވެ. ނަތީޖާއެއްގެ ގޮތުން އުރުގުއޭއިން މެޗްގެ 14 ވަނަ މިނެޓްގައި ލަނޑެއްޖަހައި ކުރި ހޯދި އެވެ. އެލަނޑާ އެކު އުރުގުއޭއިން ދިފާއު އަށް ވިސްނައި ފުރިހަމަ ވަގުތު ހަމަވިއިރު އެކަން ކާމިޔާބުވެފައިވާކަންވެސް ފާހަގަކުރެވުނެވެ.

ޗިލީއާއި ޕެރޫ ކުޅުނު މެޗުން ޗިލީއަށް ކުރި ލިބުނީ މެޗްގެ އެންމެ ފަހު ވަގުތުކޮޅެވެ. ޕެރޫއިން މެޗް އެއްވަރުކޮށްލައިގެން މެޗް ނިންމާލަން ބޭނުންވެފައި ވަނިކޮށް މެޗްގެ ދެވަނަ ހާފްގެ އިތުރު ވަގުތު ކޮޅުގައި ޕެރޫގެ އަންދްރޭ ކަރީލޯ އަތުން ބައިކޮޅަށް ވަތް ލަނޑުން ޗިލީއަށް ލީޑް ލިބުނެވެ. މިމެޗްގެ 60 މިނެޓްގެ ފަހުން ދެޓީމަށް ދެއްކި ރަތްކާޑްގެ ސަބަބުން ދެޓީމު ވެސް ކުޅެމުންއައީ 10 ކުޅުންތެރިންނާއި އެކު އެވެ.
ގްރޫޕް ސީއިން ޗިލީއަށާއި އުރުގުއާއީއަށް ކުއާޓާ ފައިނަލުން ޖާގައެއް ކަށަވަރު ވީނަމަވެސް ތިންވަނާގައިވާ ޕެރޫއަށް މިރޭ ގްރޫޕް ބީގެ މެޗްތަކަށް އިންތިޒާރު ކުރަންޖެހެ އެވެ. މެކްސިކޯ މިމުބާރާތަށް ކުރިމަތިލީ ޒުވާން ޓީމަކާއެކުގައި ނަމަވެސް އެނބުރި ގައުމަށް ދާންޖެހިފައި ވަނީ ހިތްދަތިކަމާއެކު ޕޮއިންޓެއްވެސް ނުލިބި އެވެ. ކުޅުނު ތިންމެޗުންވެސް މެކްސިކޯވަނީ ބަލިވެފަ އެވެ. ނަމަވެސް މެކްސިކޯއަށް ގޯލްޑްކަޕް ކާމިޔާބު ކުރުމުން ފީފާ ކޮންފިޑަރޭޝަން ކަޕުން ވަނީ ޖާގައެއް ލިބިފަ އެވެ.

ކުއާޓާ ފައިނަލަށް އުރުގުއާއީއަށް ދެކޮޅަށް ކުޅެންޖެހޭނެ ޓީމެއް ކަށަވަރުވެފައިވީ ނަމަވެސް ޗިލީއަށް ކުޅޭނެ ވަކި ޓީމެއް އަދި ކަށަވަރެއް ނުވެ އެވެ. އުރުގުއާއީ ކުއާޓާ ފައިނަލްގައި ބައްދަލު ކުރަންޖެހޭނީ އާޖެންޓީނާއާ އެވެ. މިދެޓީމަށް މިމެޗް ވަރަށް މުހިންމު ވެގެންދާނެ އެވެ. ސަބަބަކީ މިދެޓީމުވެސް 14 ފަހަރު ކޮޕާ އެމެރިކާ ތަށި ގެންގޮސް ކޮޕާ އެމެރިކާ ތާރީހުގައި އެންމެ ކާމިޔާބީ ދެޓީމު ކަމުގައިވާތީ އެވެ.

ގްރޫޕް ސްޓޭޖްގެ ހުރިހާ މެޗެއް ނިމި ކުއާޓާ ފައިނަލަށް ދަތުރުކުރާ ހުރިހާ ޓީމެއް މިރޭ އެނގިގެންދާނެ އެވެ. ގްރޫޕް ބީގެ ފަހު ދެމެޗް މިރޭ ކުރިއަށްދާނެ އެވެ. ފުރަތަމަ މެޗްގައި ރާއްޖޭގަޑިން ފަތިހު 3:15 ގައި ބައްދަލުކުރާނީ ޕެރަގުއޭ އާއި ވެނެޒުއޭލާ އެވެ. ދެވަނަ މެޗްގައި ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ބްރެޒިލްއާއި އިކުއެޑޯ އެވެ. އެގްރޫޕްގެ 4 ޓީމަށްވެސް ކުއާޓާ ފައިނަލަށް ދަތުރުކުރުގެ ފަރުސަތު އަދި އެބައޮތެވެ. އެހެންކަމުން މިރޭގެ މެޗްތައް ވެގެންދާނީ ހުރިހާގޮތަކުންވެސް ވަރަށް ވަރުގަދަ މެޗްތަކަކަށެވެ.