ޖަރުމަނު ލީގުގެ ކްލަބް ބޮރޫޝިއާ ޑޯޓްމަންޑުގެ ހެޑް ކޯޗުގެ މަގާމުގައި ހުރި ތޯމަސް ތުޝޭލް އެ މަގާމުން ވަކިކޮށްފިއެވެ.

ރިޕޯޓުތައް ބުނާގޮތުން، ޑޯޓްމަންޑުގެ ކޯޗުކަމުން ތުޝޭލް ވަކިކުރީ، އޭނާއާ ކްލަބުގެ ކުޅުންތެރީންނާ ދެމެދު ވަރަށް ބޮޑަށް ނުތަނަވަސްކަން އުފެދި، ޓީމު ބައިބައިވެފައިވާ ދަނޑިވަޅެއްގައެވެ.

ޖަރުމަނު ލީގުގެ ތިންވަނައިގައި ސީޒަން ނިންމާލި ޑޯޓްމަންޑުން ވެސް ވަނީ، އެ ކްލަބުގެ ހެޑްކޯޗް ތުޝޭލްއާއި ކުޅުންތެރީންނާ ދެމެދު އުފެދިފައިވާ ދެބަސްވުންތައް ހައްދަުފަހަނައަޅައި، މައްސަލަ ހައްލު ނުކުރެވޭވަށް ގޯސްވެފައިވާތީ، ކޯޗު މަގާމުން ދުރުކޮށްފައިވާ ކަމަށް ބުނެފައެވެ.

މިދިޔަ ހޮނިހިރު ދުވަހު، ޑޯޓްމަންޑުން ޖަރުމަނު ކަޕް ކާމިޔާބުކުރި ނަމަވެސް، އެ މެޗަށް ޓީމު ނުކުތްއިރުވެސް ފައިނަލް ސްކޮޑުން ނޫރީ ސާހިންއަށް ފުރުސަތު ނުދިނުމުގެ ސަބަބުން ކްލަބުތެރޭގައި ވަރަށް ބޮޑަށް ގުޅުން ގޯސްވެފައިވާކަމަށް ވެއެވެ.

ރިޕޯޓުތައް ބުނާގޮތުން ޑޯޓްމަންޑުގެ ކެޕްޓަން މާސެލް ޝްމެލްޒާއާއި ފޯވާޑް މާކޯ ރެއުސްވެސް ވަނީ، އުމުރުން 43 އަހަރުގެ ކޯޗު ތުސޭލްއާ ވަރަށް ބޮޑަށް ދުރުވެފައެވެ.

އެހެން ނަމަވެސް ކޮންޓްރެކްޓް ހަމަވުމުގެ ކުރީން، ތުޝޭލް ކޯޗު ކަމުން ވަކިކުރުމުން އޭނާއަށް ބަދަލުގެ ގޮތުގައި 2.9 މިލިއަން ޔޫރޯ ލިބޭނެއެވެ.

ޑޯޓްމަންޑުގެ ކޯޗުކަމާ ތުޝޭލް ހަވާލުވީ، ލިވަޕޫލްގެ މިހާރުގެ ކޯޗު ޔާގަން ކްލޮޕްގެ ބަދަލުގައި 2015 ވަނަ އަހަރުއެވެ. ކްލޮޕްގެ ފަހު ސީޒަންގައި ޑޯޓްމަންޑުން ލީގު ނިންމައިލީ ތާވަލުގެ ހަތްވަނައިގައެވެ.

ތުޝެލްގެ ފުރަތަމަ ސީޒަންގައި ޑޯޓްމަންޑުން ވަނީ، ލީގުގެ ދެވަނަ ހޯދައިފައެވެ. އެހެން ނަމަވެސް ލީގުގައި ޗެމްޕިއަން ބަޔާން މިއުނިކަށްވުރެ ކުރި ނުހޯދުމުގެ ނަތީޖާއަކަށް ވީ އޭނާއަށް ކޯޗުކަމުގެ މަގާމު ގެއްލުމެވެ.