30 May 2017, 17:17
ބާސެލޯނާގެ ވެޓަރަން މިޑްފީލްޑަރު އަންދްރޭ އިނިއެސްތާ، އެ ކްލަބުގައި އޭނާގެ ކުރިމަގާމެދު އަދި މިހާތަނަށް ގޮތެއް ނުނިންމާ ކަމަށްބުނެފިއެވެ.
މިދިޔަ ހޮނިހިރުދުވަހު، ކޮޕާ ޑެލްރޭ ފައިނަލްގައި އަލަވޭސްއާ ދެކޮޅަށް ކުޅެ ބާސާ މޮޅުވި މެޗުގެ ކުރީން، މެޑްރިޑްގެ ނޫހެއް ކަމަށްވާ އޮންޑަ ސޭރޯއަށް އިނިއެސްޓާ ބުނެފައިވަނީ 2018 ވަނަ އަހަރު އޭނާގެ ކޮންޓްރެކްޓް ހަމަވުމުން ބާސާގައި އިތުރަށް މަޑުކުރާނީތޯ ނުވަތަ ނޫންތޯވެސް އަދި ނިންމާފައި ނުވާކަމަށެވެ.
އުމުރުން 33 އަހަރުގެ މިޑްފީޑަރު، 2016/2017 ސީޒަންގެ ލަ ލީގާގައި ބާސާގެ ފުރަތަމަ 11ގައި ހިމެނިގެން ކުޅެފައި ވަނީ، އެންމެ 13 މެޗެވެ. އިނިއެސްޓާ ބުނީ، އޭނާ ކްލަބުގައި އިތުރަށް މަޑުކުރާނީތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގެ ކުރީން އެނގެން ބޭނުންވާ ބައެއް ކަންކަން އެބަ ހުރިކަމަށެވެ.
"އަހަރެން ނުބުނަން އަހަރެން ކޮންޓްރެކްޓް އާ ނުކުރާނެމެކޭ. އެހެން ނަމަވެސް ބަލަން ޖެހޭ ބައިވަރު ކަންތައްތައް އެބަހުރި،" އެއީ ހަމައެކަނި ލިބޭ އާމްދަނީއާ ގުޅުންހުރި ކަމެއްވެސް ނޫންކަން ފާހަގަކުރަމުން އިނިއެސްޓާ ބުންޏެވެ.
"ވަރަށް ގިނަ ކަންތައްތަކެއް އެބަހުރި ބަލަންޖެހޭ. އަމިއްލަ، ސީޒަންގައި އާދެވިފައިވާ ހިސާބު، މިވަގުތުގެ ހާލަތު މިހެންގޮސް ބައިވަރު. މިއީ އެހާ ފަސޭހަ ކަންތައްތަކެއް ނޫން."
ބާސާގައި 29 ޓްރޮފީ ހާސިލްކޮށްފައިވާ ތަޖްރިބާކާރު މިޑްފީލްޑަރު ބުނީ، ބާސާގައި އޭނާގެ ކުރިމަގާމެދު އޮތީ ވަރަށް ވިސްނުންތެރިކަމާއެކު ނިންމަން ޖެހޭ ނިންމުމެއް ކަަމަށެވެ.
"އަހަރެން ޖެހޭނީ ވަރަށް ތެދުވެރިކަމާކު، އެންމެނަށް ވެސް ރަނގަޅު ގޮތެއް ނިންމަން."