30 May 2017, 17:20
މިއަހަރުގެ އޭޕްރިލް މަހުގެ ނިޔަލަށް ރާއްޖެ އައި ފަތުރުވެރީންގެ އަދަދު، މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 15 ޕަސަންޓު އިތުރުވެއްޖެއެވެ.
ނިމިދިޔަ އަހަރުގެ އޭޕްރިލް މަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރީ 103,493 ފަތުރުވެރިންނެވެ. މިއަހަރުގެ މި މުއްދަތުގައި 119,774 ރާއްޖެއަށް ޒިޔާރަތްކުރި ކަމަށް ދައްކައެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން މިއަދު އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި، އޭޕްރިލް މަހުވެސް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ރާއްޖޭގެ އެންމެ ބޮޑު މާކެޓު ކަމުގައިވާ ޗައިނާއިންނެވެ. ޗައިނާއިން 20،975 ފަތުރުވެރިން ރާއްޖެ އައި ކަމަށް ދައްކައެވެ.
ދެވަނައަށް އެންމެ ގިނަ މީހުން ޒިޔާރަތް ކުރީ ޖަރުމަނުންނެވެ. ޖަރުމަނުން 11،172 ފަތުރުވެރިން ރާއްޖެ އައި އިރު، ދެން އެންމެ ގިނަ ފަތުރުވެރިން އައީ، 9،417 މީހުން އައި އިނގިރޭސި ވިލާތުންނެވެ. އިޓަލީ ވިލާތުން 8،601 ފަތުރުވެރިއަކު ރާއްޖެ ޒިޔާރަތްކުރި އިރު، ރަޝިއާއިން 5،400 ފަތުރުވެރިން، އިންޑިއާއިން 5،362 ފަތުރުވެރިން އަދި ސްވިޓްޒަލެންޑުން 5،215 ފަތުރުވެރިއަކު ރާއްޖެއަށް ޒިޔާރަތް ކުރިއެވެ.
އޭޕްރިލް މަހު ޖުމްލަ 119،774 ގެ ތެރޭގައި، އުތުރު އެފްރިކާ، މެދުއިރުމަތި، އެމެރިކާ، ޔޫރަޕު އަދި އިރުމަތީ އޭޝިއާގެ، ފުޅާވަމުން އަންނަ އާ މާކެޓުތަކުގެ ގޮތުގައި 14 ގައުމެއް ވަނީ ފާހަގަ ކުރެވިފައެވެ.
މިއަހަރުގެ މާޗު މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ކަމަށް ރިކޯޑު ކުރެވިފައިވަނީ 112،665 މީހުންނެވެ.
މިއަހަރުގެ އޭޕްރިލް މަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޖުމްލަ އަދަދަށް ބަލާއިރު، މިދިޔަ އަހަރާ އަޅާ ކިޔާލުމުން ހަތް ޕަސަންޓުގެ ކުރިއެރުމެއް ފާހަގަވެއެވެ. މިއަހަރުގެ އޭޕްރިލް މަހުގެ ނިޔަލަށް 478,827 ފަތުރުވެރިން ރާއްޖެ އައި އިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެ އައީ 447,659 ފަތުރުވެރިންނެވެ.