މިފަހަރުގެ ބެލޮންޑިއޯ އެވޯޑު، ކްރިސްޓިއާނޯ ރޮނާލްޑޯއަށް ވުރެ ޖިއާންލުއިޖީ ބުފޮންއަށް ލިބުން މާބޮޑަށް ވެސް ހައްގުކަމަށް، ޔުވެސްޓަސްގެ ކުރީގެ ފޯވާޑް ފެބްރިޒިއޯ ރަވަނެއްލީ ބުނެފިއެވެ.

މިހާތަނަށް ޚިޔާލުހޯދުންތަކުން ދައްކާގޮތުގައި، ވާދަވެރި ލިއޮނަލް މެސީވެސް ފަހަތަށް ޖައްސާލާފައި، ރޮނާލްޑޯ އުޅެނީ އެވޯޑް ލިސްޓުގެ އެންމެ ކުރީގައެވެ. އެހެން ނަމަވެސް، ރަވަނެއްލީ ގަބޫލުކުރާ ގޮތުގައި، ރޮނާލްޑޯއާއި މެސީއަށް ވުރެވެސް މިފަހަރުގެ އެވޯޑު ލިބުން ހައްގުކަން ބޮޑީ ޔުވެންޓަސްގެ ގޯލްކީޕަރު ބުފޮންއަށެވެ.

އުމުރުން 39 އަހަރުގެ ބުފޮން ވަނީ، މިސީޒަންގެ ޔުވެންޓަސްއަށް އިޓާލިއަން ލީގާއި ކޮޕާ އިޓާލިއާ ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ. އަދި އޭގެ އިތުރުން، އަންނަ ހޮނިހިރު ދުވަހުގެ ރޭ ކުޅޭ ޗެމްޕިއަންސް ލީގު ފައިނަލުގައި ރެއާލް އަތުން މޮޅުވެއްޖެ ނަމަ ތިންވަނަ ޓްރޮފީ ހޯދުމުގެ ފުރުސަތުވެސް ބުފޮންއަށް އެބަ އޮތެވެ.

"ޑިބާލާއަށް އެބައޮތް މުސްތަގުބަލުގައި ބެލޮންޑިއޯ ހޯދުމުގެ ފުރުސަތު،" އޭއެސްއަށް ރަވަނެއްލީ ބުންޏެވެ.

"އޭނާގެ ފަރާތުން މި ސީޒަންގައި ފެނިގެން ދިޔައީ އާދަޔާ ޚިލާފު މޮޅުކުޅުމެއް. އެހެން ނަމަވެސް، މިފަހަރުގެ ބެލޮންޑިއޯ އެވޯޑު ލިބުން އެންމެ ހައްގުކަން ބޮޑީ ބުފޮންއަށް. އެއީ ރޮނާލްޑޯއަށް ވުރެވެސް ބޮޑަށް."

ރަވަނެއްލީ ބުނީ، މިހާ ދޮށީ އުމުރެއްގައި ވެސް، ބުފޮންގެ ފަރާތުން ފެނިގެން ގޮސްފައިވަނީ، ވަރަށް މޮޅު ކުޅުމެއް ކަމަށެވެ. އަދި ރޮނާލްޑޯއަކީވެސް މޮޅު ކުޅުންތެރިއެއް ކަމަށާއި އަދި މިހާތަނަށް އެތައް ފަހަރަކުން ބެލޮންޑިއޯ ކާމިޔާބުވެސް ކޮށްފައި ވުމާއެކު، މިސީޒަންގައި އެ އެވޯޑު ލިބުން އެންމެ ހައްގުކަން ބޮޑީ ބުފޮންއަށް ކަމަށެވެ.