30 May 2017, 16:23
މިދިޔަ އޭޕްރީލް މަހު ޖެންޑާ މިނިސްޓްރީއަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ މައްސަލަތައް ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން މިއަދު އާއްމުކޮށްފައިވާ އޭޕްރީލް މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، އެ މިނިސްޓްރީއަށް ހުށަހެޅި 272 މައްސަލައިގެ ތެރެއިން 122 މައްސަލައަކީ، ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ މައްސަލަ އެވެ. އެއީ އޭޕްރީލް މަހު ރިޕޯޓުކޮށްފައިވާ މައްސަލަތަކުގެ 40 ޕަސަންޓެވެ.
އެ މިނިސްޓްރީން ބުނީ ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ ޖިސްމާނީ އަނިޔާގެ މައްސަލަތައް ކަމަށެވެ. އެގޮތުން ކުޑަކުދިންނަށް ކުރާ ޖިސްމާނީ އަނިޔާގެ 37 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށާއި، އޭގެ ތެރެއިން 21 މައްސަލައަކީ ޖިސްމާނީ އަނިޔާގެ ޝިކާރައަކަށްވެފައިވާ ފިރިހެން ކުދިންނާ ގުޅޭ ގޮތުން ހުށަހަޅާފައިވާ މައްސަލަތައް ކަމަށް ޖެންޑާ މިނިސްޓްރީން ބުނެ އެވެ.
އޭގެ އިތުރުން ކުޑަކުދިންނަށް ކުރާ އެކިބާވަތުގެ އަނިޔާގެ ގޮތުގައި ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި އިހުމާލުވުމުގެ 33 މައްސަލައަކާއި، ޖިންސީ އަނިޔާގެ 25 މައްސަލަ އަދި ނަފްސާނީ އަނިޔާގެ 17 މައްސަލައިގެ އިތުރުން ހަނގާކުރުމުގެ އަށް މައްސަލައެއް ހިމެނޭ ކަމަށް ޖެންޑާ މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.
ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކުގެ އިތުރުން ދެން އެންމެ ގިނައިން އެ މިނިސްޓްރީއަށް އޭޕްރީލް މަހު ހުށަހަޅަފައިވަނީ، ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާއާއި ގެވެށި އަނިޔާގެ މައްސަލަތަކެވެ. އެގޮތުން އެ ބާވަތުގެ 47 މައްސަލައެއް ހުށަހަޅާފައިވެ އެވެ.
އެއަށްފަހު ދެން އެންމެ ގިނައިން ހުށަހަޅާފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ދޮށީ އުމުރުގެ މީހުންނަށް އަޅާލުމާއި އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ މައްސަލަ ތަކެވެ. އެ ބާވަތުގެ 21 މައްސަލައެއް އޭޕްރީލް މަހު ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައިވެ އެވެ.
އެ މައްސަލަތަކުގެ އިތުރުން އެކި ބާވަތުގެ ކުށް ކުރާ ކުޑަކުދިންގެ 15 މައްސަލައަކާއި، ކުޑަކުދިންގެ އަހްލާގީ މައްސަލަތަކުގެ 16 މައްސަލައެއް އަދި އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ 15 މައްސަލައަކާއި، ހައްގުތަކުން ކުޑަކުދިން މަހްރޫމްކުރުމާ ގުޅޭ ތިން މައްސަލައެއް ނިމިދިޔަ އޭޕްރީލް މަހު ޖެންޑާ މިނިސްޓްރީއަށް ވަނީ ހުށަހަޅާފަ އެވެ.