13 Jul 2011, 12:57
އަފްޣާނިސްތާނުގެ ރައީސް ޙާމިދު ކަރްޒާއީގެ ކޮއްކޯފުޅު، އަޙްމަދު ވާލީ ކަރްޒާއީ އަވަހާރަކޮށްލުމާ ގުޅިގެން، އަފްޣާނިސްތާނުގެ ރައީސަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސް ޙާމިދު ކަރްޒާއީއަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަޢުޒިޔާގެ މެސެޖްގައި، އެމަނިކުފާނުގެ ކޮއްކޯފުޅު އަވަހާރަކޮށްލި ޚަބަރު އެއްސެވީ، ފުން ހިތާމައާ ކުއްލި ހައިރާން ކަމާއެކުގައި ކަމަށް ވިދާޅުވެފައިވެ އެވެ. އަދި ދިވެހި ރައްޔިތުންނާއި، ދިވެހި ސަރުކާރާއި އެ މަނިކުފާނުގެ އަމިއްލަ ނަންފުޅުގައި މިއަނިޔާވެރި ޢަމަލު އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވާފައިވެއެވެ.
ރައީސްގެ މެސެޖްގައި، މި ހިތާމައިގައި ބައިވެރިވެވަޑައިގެން، ރައީސް ކަރްޒާއީއަށާއި، އެމަނިކުފާނުގެ އާއިލާއަށާއި، އަފްޣާނިސްތާނުގެ ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ.
އަފްޣާނިސްތާނުގެ ރައީސްގެ ކޮއްކޯފުޅު އަޙްމަދު ވާލީ ކަރްޒާއީ އަވަހާރަކޮށްލާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.