30 May 2017, 14:41
މޫސަލް (މޭ 30) : އިރާގުގެ މޫސަލް އައިއެސް ޖަމާއަތުގެ ވަކިތަކުން މިނިވަންކުރުމުގެ ހަނގުރާމަ ކާމިޔާބުވެ އެ ޖަމާއަތުގެ މައްޗަށް ނަސްރު ލިބުނުކަން އިޢްލާން ކުރަން ތައްޔާރުވަމުންދާކަމަށް އިރާގުން ބުނެފިއެވެ.
މޫސަލް މިނިވަންކުރުމުގެ ހަނގުރާމަ ނިމުމަކާ ގާތްވެފައިވަނިކޮށް އިރާގުގެ ބޮޑުވަޒީރު ހައިދަރުލްއަބާދީ އެރަށް ވަޑައިގެން ދެއްވި ބަޔާނެއްގައި ވިދާޅުވީ މޫސަލް މިނިވަންކުރުމުގެ ހަނގުރާމައިގެ 99 އިންސައްތަ ނިމިފައިވާ ކަމަށާއި އައިއެސްގެ ހަނގުރާމަވެރިން މިހާރު ތިބީ ވަރަށް ކުޑަތަންކޮޅެއްގައި ހިސާރު ކުރެވިފައި ކަމުގައެވެ.
ކުރިޔަށް އޮތް ހައެއްކަ ދުވަހުގެ ތެރޭގައި އެތަން މިނިވަންކޮށް މުސަލްގެ ހަނގުރާމައިގާ އައިއެސްގެ މައްޗަށް ބަޔާންވެގެންވާ ނަސްރެއް ހޯދިއްޖެކަން އިރާގުން ރަސްމީ ސިފައެއްގައި އިޢްލާންކުރާނެކަމަށް އަބާދީ ވިދާޅުވިއެވެ. އިރާގު ސިފައިން ގެ ބަޔާނެއް ބުނާގޮތުން އައިއެސްގެ ހަނގުރާމަވެރިން މިހާރުތިބީ މޫސަލްގެ އޯލްޑް ސިޓީގެ ކުޑަ ޕޮކެޓެއްގައެވެ. އެޕޮކެޓްގެ އިމާރާތްތަކުގައި (އާންމުންގެ ގެދޮރުގައި) ގޮވާތަކެއްޗާއެކު އަމިއްލައަށް މަރުވެގެން ހަމަލާދޭން ތައްޔާރުވެފައިވާ ހާލަތުގައި އައިއެސްގެ ހަނގުރާމަވެރިން ތަކެއް އެބަތިބި ކަމަށް އިރާގު ސިފައިން ބުނެއެވެ. ނަތީޖާއެއްގެ ގޮތުން މިސަރަހައްދުގައި ކުރިއެރުން ހޯދުމަށް އިރާގު ސިފައިންނަށްވަނީ ދަތިކަމަކަށްވެފައެވެ.
އަނެއްކޮޅުން ގޮވާތަކެއްޗާއެކު އަމިއްލައަށް މަރުވެގެން އައިއެސްގެ ހަނގުރާމަވެރިން ހަމަލާތައް ދެމުންގެންދާތީ އެސަރަހައްދުގައި ދިރިއުޅޭ އިރާގު އާންމުންގެ ފުރާނައަށްވަނީ ނުރައްކާވެފައެވެ. އައިއެސްގެ ހަނގުރާމަވެރިން އާންމުން ބޭނުންކުރަނީ އިންސާނީ އައްޑަނައެއްގެ ގޮތުގައި ކަމަށްވެސް އިރާގުން ބުނެއެވެ. އިރާގު ސިފައިންގެ މިބަޔާންތަކާ ގުޅިގެން އައިއެސްއިން އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. އިރާގު ސިފައިންވަނީ އައިއެސްގެ ހަނގުރާމަވެރިން މިހާރުތިބީ މޫސަލްގެ އޯލްޑް ސިޓީގެ ކުޑަ ޕޮކެޓް މުޅިން ހިސާރު ކޮށް އައިއެސްގެ ހަނގުރާމަވެރިންނަށް ނުފިލޭނެ ގޮތް ހަދާފައެވެ. އަދި އެޕޮކެޓްގައި ތިބި މޫސަލްގެ އާންމުން ނުކުތުމަށް ގޮވާލާ ލިޔުންތަކެއް އިރާގު ސިފައިންގެ ހެލިކޮޕްޓަރުތަކުންވަނީ އެސަރަހައްދަށް އަޅާފައެވެ. މޫސަލް މިނިވަންކުރުމުގެ ހަނގުރާމައަށް 8 މަސްވެފައިވާއިރު މިހަނގުރާމަ ދިގުލައިގެންދިޔުމުގެ މައްސަލަ ވަނީ އިރާގު ސިފައިންނަށާއި އެސިޓީގެ އާންމުންނަށް ކުރިމަތިވެފައެވެ. މޫސަލް މިނިވަން ކުރެވުމުން އިރާގުގައި އައިއެސްގެ ވުޖޫދު ވަރަށް ބަލިކަށިވެގެންދާނެކަމަށް މުރާސިލުން ބުނެއެވެ.
އިރާގުން މީގެކުރިންވަނީ ފައްލޫޖާއާއި ރަމާދީ އާއި އެނޫން ސަރަހައްދުތައްވެސް އައިއެސްގެ އަތްދަށުން މިނިވަންކޮށްފައެވެ. (އަލްޖަޒީރާ)