31 May 2017, 10:14
ދިވެހިންގެ ތެރޭގައި ކާބޯތެކެތި އިސްރާފު ކުރުމަކީ އެއްވެސް ވިސްނުމަކާ ނުލާ މީހުން ކުރާ ކަމެކެވެ. ހާއްސަކޮށް ރަމަޟާން މަހު ނުކެވޭ ވަރަށް ގޭގައި ކާތަކެތި ހަދައި، ނުކެވި އިސްރާފުވެ އުކާލަން ޖެހިފައި އެބަހުއްޓެވެ. އެގޮތަށް އަމަލުތައް ބަހައްޓާ މީހުން މި ފަގީރު މީހާގެ ވާހަކަ ކިޔާލުމަކީ ކޮންމެހެން މުހިންމު ކަމެކެވެ.
ކާން ނުލިބި ބަނޑުހައި ހޫނު ކަމުގައި ވޭތު ކުރަން ޖެހުމަކީ ކިހާ ވޭންހުރި ކަމެއްކަން ބަންގްލަދޭޝްއަށް އުފަން ޕަގްލާ ހަސަންގެ ވާހަކައިން އެނގެ އެވެ.
ހަސަން ބުނި ގޮތުން އޭނާ އެންމެ ކުޑަ ދުވަހުން ފެށިގެން ވެސް އައީ ބަނޑުހައި ހޫނުކަމުގެ ދުވަސްތައް ގުނަމުންނެވެ. އުމުރުން ހަތް އަހަރުގައި އުޅުނު ސަހަރުން ބަދަލުވެ އުޅެން ޖެހުނު ހިތްދަތި ހާލު ހަސަން ކިޔަދީފައި ވާއިރު އެވާހަކަ އަޑުއަހާ މީހަކަށް ވެސް ރޮވޭނެ އެވެ.
މީހުން ކައިފައި ބާކީވާ ކާއެތިކޮޅު އެއްވެސް ހާސްކަމެއް ނެތި އުކާލާފައި ހުންނަ މަންޒަރު ހަސަން ބެލީ ހިއްދަތި ކަމާ އެކު އެވެ.
"އެއްވެސް ހާސްކަމެއް ނެތި ބާކީވާ ކާއެތިކޮޅު އުކާލާފައި ހުންނަތަން ފެނުމުން ހިތަށް އަރާ އެ މީހުން އެ އުކާލާ ގަޑީގައި އެތަނަށް ދާން. އަދި އެމީހުންގެ އަތުން އެ ނަގަން. ބުނަން ބޭނުންވޭ ތި އުކާނުލާށޭ. އަހަންނަށް ބާކީ ކާއެތިކޮޅު ދޭށޭ،" ހަސަން ކިޔައިދިނެވެ.
އެކަމަކު އެމީހުން ވެސް އޭނާއާ ދިމާލަށް ބަލަނީ ނުދަންނަ ބީރައްޓެއްސެއްގެ ގޮތަށް ކަމަށް ހަސަން ބުންޏެވެ. ދެ ރޭ ދެ ދުވާ ވަންދެން އެއްވެސް ކާ އެއްޗެއް ނުކައި ހަސަން ހޭދަ ކުރި އެވެ. އޭނާއަށް ލިބޭ ހަމައެކަނި އެއްޗަކަށްވީ ކުޑަ ކުޑަ ފެންފޮދެކެވެ.
އެހާ ގިނައިރު ނުކައި ހުރުމުގެ ސަބަބުން ފެން ފޮދެއް ބޯލިޔަސް ހޮޑުލެވޭ ކަމަށް ހަސަން ބުންޏެވެ. ދެ ދުވަސް ވަންދެން ނުކައި ހޭދަކުރުމަށް ފަހު ކޮންސްޓްރަކްޝަން މަސައްކަތް ކުރާ މީހެއް ކައިރިއަށް ހަސަން ދިޔަ އެވެ.
ކޮންމެ ދުވަހަކު 500 ގައު އުފުލައި އެއްތަނުން އަނެއް ތަނަށް ގެންގޮސްދޭނެ ކަމަށް ބުނަމުން ހަސަން އެދުނީ އުޖޫރައެއްގެ ގޮތުން ހަމައެކަނި ކާއެތިކޮޅަކަށެވެ. އެ މަސައްކަތް ނިންމާލުމުން ލިބުނު ކާއެތި ކޮޅާއެކު "ކާނާއާ ނުލައި އުޅެވެނީ ދުނިޔޭގައި ނޫން"ކަން އިހުސާސް ކުރެވުނު ކަމަށް ހަސަން ބުންޏެވެ.
"އޭގެ ފަހުން އަޒުމް ކަނޑައެޅިން އަހަރަންގެ ކާތަކެތި އެހެން މީހުންނާ ވެސް ހިއްސާކޮށްގެން ކާން. އޭގެ ފަހުން ދުވާލަކު ދެ އިރު ކޮންމެ އިރަކު ދެ ކުދިންނަށް އަހަރެން ކާންދެން،" ހަސަން ބުންޏެވެ.
ބަނޑުހައި ހޫނުކަމުގައި ތިބޭ އެކުދިން އަންނަނީ ކޮންތާކުން ކަމެއް އެއީ ކޮން ކުދިންނެއް ކަމެއް ހަސަނަކަށް ނޭނގެ އެވެ. ހަސަނަށް އެ ކުދިން ފެނުމުން ސިފަވަނީ އޭނާގެ ކުރީގެ ދިރިއުޅުމެވެ. އެކުދިންނަށް ވެސް ހަސަނަކީ ކާކުކަން ނޭނގޭ ކަމަށާއި ނަމަވެސް "ބަނޑުހައިވީމަ ކާންދޭ ހަސަނެއް އުޅޭ" ކަން އެކުދިންނަށް އެނގޭ ކަމަށް ހަސަން ބުންޏެވެ.
ހަގީގަތުގައިވެސް ބަނޑުހައި ހޫނުކަން އިހުސާސްކުރާ މީހެއްގެ ވޭން އެނގޭނީ އެކަން ތަހައްމަލުކޮށްފައިވާ މީހަކަށެވެ. އަދި އަހަރެމެން މިއަދު މި އުކާލާ ކާއެތިކޮޅަކީ އެމީހުންނަށް ކިހާ މުހިންމު އެއްޗަކަށް ވާނެކަން ވިސްނަން ޖެހެ އެވެ.
"މި ދުނިޔޭގައި އުޅޭ މީހުންނަކަށް ނުވިސްނޭ ދެ މުށް ބަތަކީ ބަނޑުހައިވެފައިވާ މީހުންނަށް ކިހާ މުހިންމު އެއްޗެއް ކަން" ހަސަން ބުންޏެވެ.
އިސްރާފް ކުރުމަކީ އިސްލާމް ދީނުގައިވެސް މަނާ ކުރައްވަފައިވާ ކަމެކެވެ. ސޫރަތުލް އައްރާފްގެ 31 ވަނަ އާޔަތުގައި މާތް ﷲ ވަހީ ކުރައްވާފައިވަނީ " އިސްރާފް ނުކުރާށެވެ. ހަމަ ކަށަވަރުން އިސްރާފް ކުރާ މީހުން ދެކެ މާތް ﷲ ލޯބިވެ ވޮޑިގެން ނުވެތެވެ.،"
އިސްރާފު ކުރުމަކީ ތިމާގެ އަތްމަތިން ބަރަކާތް ހުސްވެގެންދާ ކަމެކެވެ. ޒަކާތް ދިނުމާއި ސަދަގާތް ދިނުމަކީ ތިމާގެ އަތްމަތީގައި ބަރަކާތް އިތުރުވެ، މުދާ އިތުރުވާ ކަމެއް ކަމަށްވެސް އިސްލާމް ދީނުގެ އިލްމުވެރިން ވިދާޅުވެ އެވެ. އެހެންކަމުން އިސްރާފު ކުރުމެއްނެތި މުދާ ހޭދަ ކުރުމަށް އިސްކަން ދޭނެ ޖެހެ އެވެ.
މައުލޫމާތު: ޖީއެމްބީ އާކާޝް އެފްބީ