އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު ބްލޮގަރު އަދި ސޯޝިއަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދުގެ މަރުގެ ތަހުގީގާ ގުޅިގެން އާއިލާއަށް އެއްވެސް މައުލޫމާތެއް ނުދޭތީ އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ޔާމީން މަރާލި ފަހުން މިއަދަށް މިއީ 37 ދުވަސްކަން ފާހަގަކޮށް އާއިލާއިން ނެރުނު ބަޔާއްގައި ބުނެފައިވަނީ ޔަމީންގެ މަރާ ގުޅިގެން ފުލުހުން އެންމެ ފަހުން މައުލޫމާތެއް ހިއްސާކޮށްފައި ވަނީ މި މަހުގެ ނުވަވަނަ ދުވަހު ކަމަށެވެ.

އާންމުންނަށްވެސް އަންގާފައިވާ މައުލޫމާތު ތަކުގެ އިތުރުން އެއްވެސް މައުލޫމާތެއް ޔާމީންގެ މަރުގެ ތަހުގީގާ ގުޅިގެން އާއިލާއާ ހިއްސާކޮށްފައިވާނުވާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

"މިކަމާ ގުޅިގެން ތަކުރާރުކޮށް އަޅުގަނޑުމެންގެ އާއިލާގެ ފަރާތުން ވަނީ ފުލުހުންނާ ގުޅުމަށް މަސައްކަތްކޮށްފަ. ފޯނުން ގުޅައިގެންނާއި މެސެޖް ކުރުމުން ވެސް ފުލުހުންގެ ފަރާތުން އެއްވެސް ޖަވާބެއް އަޅުގަނޑުމެންނަށް ލިބިފައި ނުވާތީ ކަންބޮޑުވޭ،" ޔާމީންގެ އާއިލާއިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އާއިލާއިން ބުނީ ވެތުވެދިޔަ 37 ދުވަހަކީ އެ އާއިލާއަށް ހިތާމައިން ފުރިގެންވާ ދުވަސްތަކެއް ކަމަށެވެ. ކޮންމެ ދުވަހެއްވެސް ހޭދަކުރަނީ އެ އަނިޔާވެރި އަމަލު ރާވާ ހިންގި ބައެއް ދެނެގަނެވި އެ މައުލޫމާތު ހާމަ ކުރާނެ ކަމުގެ އުންމީދުގައި ކަމަށް އާއިލާއިން ބުންޏެވެ.

ޔާމީންގެ މަރުގެ ތަހުގީގާ ބެހޭ މައުލޫމާތު ހިއްސާކޮށްދިނުމަށް އާއިލާއިން ވަނީ ތަކުރާރުކޮށް އެދިފަ އެވެ.

ޔާމީން ރަޝީދަށް ހަމަލާދީ، އޭނާ މަރާލާފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ ގޭގެ ސިޑި ކައިރިން، މިދިޔަ އޭޕްރިލް މަހުގެ 23 ވަނަ ދުވަހުގެ ދަންވަރުއެވެ.

ޔާމީންގެ މަރުގެ މައްސަލައިގައި މިހާތަނަށް ހަތް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނާ އިރު، އޭގެ ތެރޭގައި ޔާމީނަށް ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި ފުލުހުން ބުނެއެވެ.