ހައިކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާން އަވަހާރަކޮށްލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އިބްރާހީމް ހަނީފް ޝަރުތުތަކަކާ އެކު ދޫކޮށްލައިފިއެވެ.

ހަނީފް ހައްޔަރުކޮށްފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. ހައްޔަރުކުރުމުގެ ކުރިން ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން ހަނީފްގެ މޮބައިލް ފޯނު ހިފަހައްޓައިފަ އެވެ.

ހައިކޯޓުން މިއަދު ހަނީފް ދޫކޮށްލަން އަމުރުކުރީ އޭނާ ގޭބަންދަށް ބަދަލުކޮށްފައި ވަނިކޮށެވެ.

ބަންދާމެދު ގޮތެއް ނިންމަން ބާއްވާ އަޑުއެހުމަކީ ސިއްރު އަޑުއެހުމެއް ކަމަށްވާތީ އޭނާ ދޫކޮށްލިއިރު ކުރި ޝަރުތުތައް އަދި ނޭނގެއެވެ.