މިދިޔަ އާދިއްތަ ދުވަހުގެ ރޭ އިންޑިއާގެ ޤައުމީ ޓީމާ ދެކޮޅަށް ދިވެހި ޤައުމީ ޓީމް ކުޅުނު މެޗް ބެލުމަށްޓަކައި ދަނޑުގެ ޖާގައަށް ވުރެ ގިނައިން މީހުން ދަނޑަށް ވަދެފައިވާ ކަމަށާއި އެކަން އެހެން ވެފައިވަނީ ސެކިއުރީޓީގެ ކަންތައްތައް އެންމެ ރަނގަޅަ ނުބެލުމުން ކަމަށް އެފްއޭއެމްގެ ރައީސް އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

އާޒިމް ވިދާޅުވީ، ދަނޑުގެ ކެޕޭސިޓީއާއި އެއްވަރަށް ޓިކެޓް ވިއްކި ނަމަވެސް، ދަނޑަށް މީހުން ވަދެފައި ވަނީ އެއަށް ވުރެ އިތުރަށެވެ. އެހެން ވާންޖެހުނީ ސެކިއުރިޓީ ކަންތައްތައް އެންމެ ފުރިހަމަ ގޮތުގައި ނުބެލުމުން ކަމަށާއި އެންމެ ގިނަ މީހުން ދަނޑަށް ވަދެފައި ވަނީ އޮލިންޕަހާ ދިމާލަށް ހުންނަ ގޭޓޫން ކަމަށް އާޒިމް ވިދާޅުވި އެވެ.

"އެހެންނާވެސް ދަނޑަށް ނުވަންނަށް ވަރަށް މީހުން ވަނީ ވަދެފަ. އެކަމަކު އަޅުގަނޑުމެން ޓިކެޓް ވިއްކީ ދަނޑުގެ ކެޕޭސިޓީއާ އެއްވަރަށް. " އާޒިމް ވިދާޅުވި އެވެ.

އިތުރަށް މީހުން ދަނޑަށް ވަދެތިބި ކަމުގައި ވިޔަސް، ދިވެހި ސަޕޯޓަރުންގެ ފަރާތުން އެދެވަހުގެ މެޗްގައި ފެނިގެން ދިޔައީ އެކުވެރިކަމާއި އެއްބައިވަންތަ ކަންމަތީ ތިބެ ދިވެހި ޓީމަށް ސޕޯޓްކުރަމުން ދިޔަ މަންޒަރު ކަމަށް ވެސް އާޒީމް ފާހަގަ ކުރެއްވި އެވެ.

އާޒިމް ވިދާޅުވީ، ދަނޑަށް ވަތް ގިނަ މީހުން ވަދެފައި ވަނީ، ޓިކެޓް ބުރި ބޭނުން ކޮށްގެން ކަމަށާއި މެޗް ބެލުމަށްޓަކައި ސިޑިބަރިން ޓިކެޓް ގަތް ގިނަ މީހުން ވެސް ގޮނޑިބަރީގައި ތިބި ކަމަށެވެ. އެހެންނަމަވެސް އެދުވަހުގެ މެޗްގެ ސެކިއުރިޓީ ކަންތައްތައް އެންމެ އެދެވޭ ގޮތުގައި ބެލިފައި ނުވާތީ އެމައްސަލަ އެފްއޭއެމް އިން މިހާރު ބަލަމުން އަންނަ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

މީގެ އިތުރުން ސަންއިން ކުރި އިތުރު ސުވާލަކަށް ޖަވާބު ދެއްވަމުން އާޒިމް ވިދާޅުވީ، ދަނޑުގައި ފެންސުޖެހުމުގެ މަސައްކަތް ކުރުމާމެދު ކުޅިވަރާ ބެހޭ މިނިސްޓްރީއާއި ވާހަކަ ދައްކަމުން އަންނަ ކަމަށާއި އަދި ފެންސު ޖަހާނެ ވަކި ތާރީހެއް މުޅިން ފައިނަލް ނުވާ ކަމަށެވެ.