30 May 2017, 11:47
ސުނާމީގައި ރާއްޖޭގެ ރަށްތަކުގެ ތެރެއިން ބަނދަރު ހަލާކުވި ރަށްތަކުގައި އަލުން ބަނދަރު އެޅުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއަށް އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކް (އައިޑީބީ) އިން ފައިސާ ހަމަޖެހި، އެ މަސައްކަތް ކުރިއަށްދާ ގޮތުން އޮޑިޓް ކުރާނެ ފަރާތެއް ހޯދަން އިއުލާންކޮށްފި އެވެ.
ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ސަރުކާރުން ފަށާފައިވާ "ސުނާމީ ހާބާ ރިކޮންސްޓްރަކްޝަން ޕްރޮޖެކްޓު"ގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރިއަށްގެންދަން ބޭނުންވާ ފައިސާ އައިޑީބީގެ ފަރާތުން ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން އެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން 10 ރަށެއްގެ ބަނދަރު ހެދުމަށް ހަމަޖައްސާފައިވާ ކަމަށް ބުނެފައިވެ އެވެ.
އެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 15 ވަނަ ދުވަހުގެ އޮފީސް ބަންދުވާ ގަޑީގެ ކުރިން އެކަން އެ މިނިސްޓްރީއަށް ހުށަހެޅުމަށް އިއުލާނުގައި ބުނެފައިވެ އެވެ.
މިނިސްޓްރީން ބުނެފައިވާ ގޮތުގައި އެ މަސައްކަތް ކުރުމަށް ބޭނުން ވަނީ ދިވެހި ކުންފުންޏެއް ނުވަތަ ފަރާތެއް ލައްވަ އެވެ. ކޮންސަލްޓަންޓެއް އައްޔަން ކުރާއިރު، އެ މީހަކީ އިސްލާމިކް ބޭންކް ފިނޭންސިންގެ ގައިޑްލައިންތަކަށް ފެތޭ މީހެއް ކަމުގައި ވާން ޖެހެ އެވެ.
ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު އައިޑީބީގެ އަހަރީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅުގައި ރާއްޖެ އަށް ވަނީ 117 މިލިއަން ޑޮލަރުގެ އެހީ ލިބިފަ އެވެ. އެއީ ރާއްޖޭގެ އެކި ދާއިރާތަކުގައި ހިންގުމަށް ހަމަޖައްސާފައިވާ ޕްރޮޖެކްޓުތަކަށެވެ.