ކުރީގެ ރައީސް މައުމޫނުގެ ގެކޮޅު މއ. ކިނބިގަސްދޮށުގެ ބަދަލު ދިނުމަށް ފަހު ސަރުކާރަށް ނަގަން މާލޭ ސިޓީ ކައުންސިލުން ނިންމެވި ނިންމެވުމަކީ ޣައިރުގާނޫނީ އަދި ވަރަށް ފިނޑި އަމަލެއް ކަމަށާއި އެކަމުގެ ސަބަބުން ސަރުކާރު ޒިންމާދާރުކުރުވުމަށް ޒެޑްފެކްޝަނުން ކުރާ މަސައްކަތަށް އެއްވެސް ގެއްލުމެއް ނުލިބޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ހުސެން މަނިކު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިސްގެ ތަޅުމުގައި އިންނަވައިގެން ފޯނުން ދެއްވި އިންޓަވިއުއެއްގައި ނިހާން ވިދާޅުވީ އެފަދަ ކަމެއް ކުރުމަށް ލާމަރުކަޒީ ގާނޫނުގެ އެވެސް މާއްދާއަކުން ތަން ނުދޭ ކަމަށާއި އެއީ ސަރުކާރު ނާއުއްމީދުވެން އެންމެ ފަހުން ކުރި ވަރަށް ހުތުރު އަމަލެއް ކަމަށެވެ.

"ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ގާނޫނުގެ އެއްވެސް ނުކުތާއެއް އެފަދަ ގޮތަކަށް މީހެއްގެ މުދާ ހިފައިގަތުމަށް ހުއްދައެއް ނުކުރޭ، ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގައި މީހުންގެ ގެދޮރަކީ ހުރުމަތްތެރިވެގެންވާ އެއްޗެއް،" ނިހާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ނިންމުމަކީ ސަރުކާރު ނާއުއްމީދުވެ، ކުރެވޭ ނުކުރެވޭ ކަމެއް ނޭނގިގެން އެންމެ ފަހުން ކުރި ވަރަށް ހުތުރު އަމަލެއް ކަމަށެވެ.

"އެފަދަ ކަމަކުން އަޅުގަނޑުމެންގެ މިހަރަކާތެއް، ސަރުކާރު ޒިންމާދާރު ކުރުވުމުގެ ހަރަކާތެއް ނުހުއްޓުވޭނެ،" ނިހާން ވިދާޅުވި އެވެ.