ދިއެފްއެމް އިއްޔެ އިންފޮނުވި ޕުރޮގްރާމަކަށް ގުޅި އެހުންތެރިއަކު އޮންއެއާގައި ވާހަކަ ދައްކަމުން ދަނިކޮށް ފަހަތުން ބޭއަދަބީ ބަހުން ވާހަކަދެއްކި މީހެއްގެ މައްސަލަ ތަހުގީގުކޮށް ދިނުމަށް އެދި އެ ސްޓޭޝަންއިން ކަމާބެހޭ މުއައްސަސާތަކަށް ފޮނުވައިފި އެވެ.

ދިއެފްއެމްއިން މީޑިޔާ ކައުންސިލަށާއި ބުރޯޑްކާސްޓިން ކޮމިޝަން އަދި ފުލުހުންގެ ކިބައިން ތަހުގީގު ކުރުމަށް އެދުނީ އިއްޔެ އެ ސްޓޭޝަނުން ފޮނުވި "މޯނިން އެޑިޝަން" ޕްރޮގްރާމްގައި ބައިވެރިވި މީހަކު އޮންއެއާގައި ވާހަކަ ދައްކަމުން ދަނިކޮށް އޭނާގެ ފަހަތުން ވާހަކަ ދެއްކި މީހަކު، މުޖުތަމައުގެ ތެރޭގައި ވާހަކަ ދައްކަންޖެހޭ އަދަބު އަހުލާގު މިންގަޑުން ބޭރުވެ ބޭއަދަބީ ބަހުން ވާހަކަދައްކާފައި" ވާކަމަށް ބުނެ އެވެ.

ދިއެފްއެމުން އެ ފަރާތްތަކަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އިއްޔެ ހެދުނު އެ ސްޓޭޝަނުން ފޮނުވި އެ މީހާގެ މައްސަލަ ބަލައި ތަހުގީގު ކޮށްދިނުމަށެވެ.

އެ ސުޓޭޝަނުން ވަނީ އިއްޔެގެ މޯނިން އެޑިޝަން ޕްރޮގްރާމްގެ ރެކޯޑިންވެސް އެ ސިޓީއާއިއެކު އެ ފަރާތްތަކަށް ފޮނުވާފަ އެވެ.

ސިޔާސީ މަސްރަހުގެ ކަންތައްތަކަށް އެހުންތެރިންގެ ހިޔާލު ފާޅުކުރުމަށް ގެނެސްދޭ މޯނިން އެޑިޝަން ޕްރޮގްރާމްގައި މީގެ ކުރިންވެސް ދެ ފަހަރެއްގެ މަތިން ވަނީ ޕްރޮގްރާމްގެ ބައިވެރިއަކު ހުތުރު ބަހުން އޮން އެއާގައި ވާހަކަ ދައްކާފަ އެވެ.