14:30


ރައްޔިތުންނަށް ދިމާވެފައިވާ، ކަރަންޓާއި ފެނުގެ މައްސަލަ އަވަސް ފުރުސަތެއްގެ ތެރޭގައި ހައްލުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް އިލްތިމާސްކޮށްފި އެވެ.


މިކަމަށް އިލްތިމާސްކޮށް އަދާލަތު ޕާޓީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، ސިވިލް ސަރވެންޓުންގެ މުސާރަ ކުޑަކޮށްފައިވާ ހިނދު، ކަރަންޓާއި ފެން ފަދަ އަސާސީ ޚިދުމަތްތަކުގެ އަގު އާދަޔާ ޚިލާފަށް ބޮޑުވެގެން ދިއުމަކީ އެކަމުގެ އުނދަގޫ ރައްޔިތުންނަށް އިންތިހާއަށް ފޯރާފައިވާ ކަމެއް ކަމަށެވެ. އަދި މިފަދަ ޚިދުމަތްތަކުގެ އަގުތައް އަތްނުފޯރާފަށަށް ދިއުމަކީ ސަރުކާރުގެ ސިޔާސަތާއި ވިސްނުމާއި ޚިލާފު ކަންތައްތައް ކަމަށް ވެސް ބުނެފައިވެ އެވެ. އަދި އެކަށީގެންވާ ޤާބިލް މީހުން މެދުވެރިކޮށް ޤައުމުގައި ތިބި އިގުތިސާދީ ތަޖްރިބާކާރުންގެ ވިސްނުން ޙިއްސާކޮށް މިފަދަ މައްސަލަތައް ޙައްލުކުރުމަކީ މި ދަނޑިވަޅުގައި މުހިންމު ކަމެއް ކަމުގައި ވެސް އަދާލަތު ޕާޓީން ބުނެ އެވެ.


ގުއަންޓަނާމޯބޭ ޖަލުގައި ތިބި މީހުން ރާއްޖެ ގެނައުމުގެ މައްސަލައިގައި، ޙައްޤާއި އިންސާފުގެ މަތިން ރައްޔިތުންގެ ވިންދާ އެއްގޮތަށް ޢަމަލު ކުރުމަށް ގޮވާލައި އަދާލަތު ޕާޓީން ބުނެފައި ވަނީ، ގުއަންޓަނާމޯ ބޭޖަލުން ރާއްޖެ ގެންނަ ދެ މީހުންނަކީ، ލާއިންސާނީ ގޮތެއްގައި ބަންދުވެފައިވާ، ކުށެއް ނެތް ދެ މުސްލިމުން ކަމުގައި ވާނަމަ އިސްލާމީ ދައުލަތަކުން އެ ދެ މީހުންނަށް އެހީތެރިވުމަކީ ދީނީ ގޮތުން ބަލާއިރު މައްސަލައެއް ނޫން ކަމަށެވެ. ނަމަވެސް އެއީ ހަމަ އެތަނުން ނެރޭ ދެ މީހުންތޯ އާއި، އެ މީހުންނަކީ ކިހާވަރެއްގެ ކަމެއްގައި ހައްޔަރުވީ ބައެއްތޯ ރައްޔިތުންނަށް އެނގެންޖެހޭ ކަމަށް ވެސް އަދާލަތު ޕާޓީން ބުނެފައިވެ އެވެ. އަދި އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކެއް ހިންގުމުގެ ގޮތުން ބަންދުވެފައިވާ ޓެރަރިސްޓުންގެ ބަޔަކަށް ރާއްޖެއިން އެއްވެސް ޖާގައެއް ދިނުމަކީ ބުއްދިވެރިކަމެއް ނޫން ކަމަށާއި، މިކަމާ ގުޅިގެން އެމެރިކާއިން ރާއްޖެއާ މެދު ކޮށްފައިވާ އެންމެހާ މަޝްވަރާތަކުގެ ޙަޤީޤަތާއި އެއްބަސްވެފައިވާ އެއްބަސްވުންތަކުގައި އެކުލެވިގެންވާ ވާހަކަތަކަކީ ރައްޔިތުންނަށް އެނގެންޖެހޭނެ ކަންކަން ކަމަށާއި، މިކަމާ ގުޅިގެން ރާއްޖެއިން އަދާކުރަންޖެހޭ ވާޖިބުތަކާއި، ރާއްޖެ ފަދަ ވަސީލަތްތައް މަދު ތިންވަނަ ދުނިޔޭގެ ޤައުމަކުން މިފަދަ ކަމެއްގައި މަސްއޫލިއްޔަތު އުފުލަންޖެހުނު ސަބަބު ރައްޔިތުންނަށް އެނގެންޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ. އަދި މިއީ މުޅި ދިވެހި ރައްޔިތުންނާ ގުޅިފައިވާ ކަމަކަށް ވާތީ، މިކަމާ ގުޅޭ އެންމެހާ މަޢްލޫމާތު ރައްޔިތުންނަށް ސާފުކޮށްދިނުމަކީ ޤައުމުގެ އަމަންއަމާންކަމާއި މަޞްލަޙަތައްޓަކައި މުހިންމު ކަމެއްކަމުގައި ވެސް އަދާލަތުން ބުނެފައިވެ އެވެ.