29 May 2017, 16:46
މިފަހަރުގެ ބެލޮންޑިއޯ އެވޯޑަށް ވާދަކުރާ ކުޅުންތެރީންގެ ތެރޭން، ވޯޓުދޭން އެންމެ ހައްގު ކުޅުންތެރިއަކީ ކޮބައިކަން ނިންމާފައިވާ ކަމަށް ބްރެޒިލްގެ ކުރީގެ ފޯވާޑް ރޮނާލްޑޯ ލުއިސް ނަޒަރިއޯ ބުނެފިއެވެ.
ފީފާއިން ހޮވާ ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ތިން ފަހަރު ހޯދާފައިވާ، ބްރެޒިލްގެ ލެޖެންޑް ބުނީ މިފަހަރުގެ އެވޯޑަށް ވެސް އެންމެ ބޮޑަށް ވާދަކުރާނީ، ބާސެލޯނާގެ އާޖެންޓީނާ ތަރި ލިއޮނަލް މެސީއާއި ރެއާލް މެޑްރިޑްގެ ޕޯޗްގީޒް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ކަމަށެވެ. އެހެން ނަމަވެސް އެ ދެކުޅުންތެރީންގެ ތެރޭން އެންމެ މޮޅު ކުޅުންތެރިޔާ ކަނޑައަޅަށް އޭނާއަށް އެހާ އުނދަގޫ ނޫންކަމަށް ރޮނާލްޑޯ ބުންޏެވެ.
"މިއަހަރުގެ ބެލޮންޑިއޯ އެވޯޑް ހާސިލްކުރާނޭ ކުޅުންތެރިއަކަށް އަހަރެން ހޮވާނީ، ކްރިސްޓިއާނޯ ރޮނާލްޑޯ،" ފޮކްސް ސްޕޯޓްސްއަށް ދިން އިންޓަވިއުއެއްގައި، މިހާރު އުމުރުން 40 އަހަރުގެ ރޮނާލްޑޯ ބުންޏެވެ.
"ވޭތުވެދި ޔަ ދެއަހަރުވެސް އޭނާ ދަނީ ނަތީޖާ ނެރެމުން. ޗެމްޕިއަންސް ލީގުގައިވެސް ރެއާލްގެ ގިނަ މެޗުތަކެއްގެ ނަތީޖާ ބަދަލުކުރުމުގައި އޭނާއަކީ މުހިއްމު ކުޅުންތެރިއެއް. އަދި މިހާރު އޭނާ އެހެރީ އެ މުބާރާތުގެ ފައިނަލްގައި،" ކްރިސްޓިއާނޯ ރޮނާލްޑޯއަށް އެވޯޑް ހައްގުވަނީ ކީއްވެކަން އޮޅުންފިލުވައިދެމުން ރޮނާލްޑޯ ބުންޏެވެ.
މެސީއާ ރޮނާލްޑޯއާ ދެކުޅުންތެރީންގެ ތެރޭން އެންމެ މޮޅު ކުޅުންތެރިއަކީ، ކޮބައިތޯ ކުރެވޭ ބަހުސާ މެދު، ކުރިން ބާސާ އަދި ރެއާލަށް ވެސް ކުޅެފައިވާ ބްރެޒިލްގެ ލެޖެންޑު ބުނީ، އެ ކުޅުންތެރިއެއްގެ ސްޓައިލްގައި މި ދެކުޅުންތެރީންނަކީވެސް ހަމަ އެންމެ މޮޅު ކުޅުންތެރީން ކަމަށެވެ.
"އެ ދެ ކުޅުންތެރީންނަކީވެސް ހަމަ އެފަދަ ދެވަނައެއް ނެތް ދެ ކުޅުންތެރީން،" ދެފަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ރޮނާލްޑޯ ބުންޏެވެ.
"މެސީގެ ފައިން ބޯޅަ ގެންގުޅޭގޮތް އަހަންނަށް ވަރަށް ހިތްގައިމު. އޭނާ ލަނޑު ޖެހުމުގެ އިތުރުން އެހެން ކުޅުންތެރީންނަށް އެހީތެރިވެދޭ. އެހެން ނަމަވެސް ރޮނާލްޑޯގެ މަސައްކަތް ހަނދާން ނައްތާލެވޭކަށް ނެތް."
ރޮނާލްޑޯ ބުނީ، މެސީއާއި ރޮނާލްޑޯ އަޅައިކިޔުމަކީ ފަސޭހަކަމެއް ނޫންކަމަށާއި، އެ ދެކުޅުންތެރީންނަށްވެސް އިހްތިރާމް ހައްގުކަމަށެވެ.
އާޖެންޓީނާ ކެޕްޓަން މެސީ، ބާސާއަށް 52 މެޗުން 54 ލަނޑު ކާމިޔާބުކޮށް ސީޒަން ނިންމާލާފައިވާއިރު، ޕޯޗްގީޒް ކެޕްޓަން ރޮނާލްޑޯ ވަނީ، މިސީޒަންގެ މިހާތަނަށް ރެއާލަށް 40 ލަނޑު ކާމިޔާބުކޮށްދީފައެވެ.