29 May 2017, 15:22
ސަން ސިޔާމް އިރުފުށި ރިސޯޓުން މިއަހަރު ބާއްވަން އުޅުނު ދެވަނަ އިންޓަނޭޝަނަލް ޓޫރިޒަމް ފިލްމް ފެސްޓިވަލް އަންނަ އަހަރަށް ފަސްކޮށްފިއެވެ.
ސަން ސިޔާމް އިރުފުށި ރިސޯޓުން ޓޫރިޒަމް ފިލްމް ފެސްޓިވަލް އެންމެ ފުރަތަމަ ބޭއްވީ މިދިޔަ އަހަރުއެވެ. މިދިޔަ އަހަރުގެ ކާމިޔާބު ފެސްޓިވަލަށްފަހު، ދެ ވަނަ ޓޫރިޒަމް ފިލްމް ފެސްޓިވަލް ވެސް ވަނީ މިއަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ބޭއްވުމަށް އިއުލާން ކޮށްފައެވެ.
ސަން ސިޔާމް ރިސޯޓްސްއިން މިއަދު ބުނި ގޮތުގައި، ނޮވެމްބަރު މަހު ބޭއްވުމަށް ނިންމާފައި އޮތް ދެ ވަނަ އިންޓަނޭޝަނަލް ޓޫރިޒަމް ފިލްމް ފެސްޓިވަލް ވަނީ، އެ ހަރަކާތަށް ޝައުގުވެރިކަން ފާޅުކުރި ގިނަ ބައެއްގެ އެދުމުގެ މަތިން ފަސްކޮށްފައެވެ.
ސަން ސިޔާމް ރިސޯޓްސްއިން ބުނީ، ދެ ވަނަ އިންޓަނޭޝަނަލް ޓޫރިޒަމް ފިލްމް ފެސްޓިވަލް ބޭއްވުމަށް މިހާރު ހަމަޖައްސާފައި ވަނީ އަންނަ 2018 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 18 އިން 20 އަށް ކަމަށެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އެކިއެކި ފަންނުތަކާއި ފަތުރުވެރިކަމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް ހުޅުވާލައިގެން ކުރިއަށްދާ މި ފެސްޓިވަލަށް ފިލްމު ހުށަހެޅުމުގެ ޑެޑްލައިނަކީ މިއަހަރުގެ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހެވެ. ހުރިހާ އެންޓްރީތަކަށް ބެލުމަށްފަހު، 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ނަތީޖާތައް އިއުލާން ކުރާނެ ކަމަށް ސަން ސިޔާމް ރިސޯޓްސްއިން ބުނެއެވެ.
ޓޫރިޒަމް ފިލްމް ފެސްޓިވަލަށް ފިލްމު ވީޑިއޯ ހުށަހެޅޭނެ ކެޓަގަރީތައް:
- ޓޫރިޒަމް ޑެސްޓިނޭޝަން
- ކަލްޗަރަލް ޓޫރިޒަމް
- އެންވަޔަރަމަންޓް އެންޑް އިކޯ ޓޫރިޒަމް
- އެޑްވެންޗާ ޓޫރިޒަމް
- އެތްނޮގުރަފީ އެންޑް ސޮސައިޓީ
- ވޯޓާ
- ކަލްޗަރަލް ކަނެކްޝަންސް
- ހޮޓެލްސް އެންޑް ރިސޯޓްސް
- ޓޫރިޒަމް ސާވިސަސް
- ނޭޝަނަލް ޕްރޮޑަކްޝަން (ހަމައެކަނި ދިވެހިންނަށް)
- އެމަޗުއާސް އެންޑް ސްޓޫޑަންޓް (ތިން މިނެޓަށްވުރެ ދިގު ނޫން)
ޜޯންރާ:
- ޑޮކިއުމަންޓަރީ (60 މިނެޓަށްވުރެ ދިގު ނޫން)
- ޕްރޮމޯޝަނަލް (15 މިނެޓަށްވުރެ ދިގު ނޫން)
- ކޮމާޝަލްސް (60 ސިކުންތައްވުރެ ދިގު ނޫން)
ސަން ސިޔާމް ގްރޫޕްގެ ޗެއާމަން އަހުމަދު ސިޔާމް މުހައްމަދު އިފްތިތާހް ކޮށްދެއްވި ފުރަތަމަ އިންޓަނޭޝަނަލް ޓޫރިޒަމް ފިލްމް ފެސްޓިވަލަށް ރާއްޖެއާ އެކު ދުނިޔޭގެ 20 ގައުމަކުން 200 އަށްވުރެ ގިނަ ފިލްމު ވީޑިއޯ ހުށަހަޅާފައިވެއެވެ.
ދުނިޔޭގެ މަޝްހޫރު ޖަމިއްޔާތަކުންނާއި ފާހަގަކޮށްލެވޭ މަގްބޫލް ތަރިން ބައިވެރިވި މިދިޔަ އަހަރުގެ ފެސްޓިވަލުގެ ގްރޭންޑް ޕްރައިޒް ނުވަތަ ފެސްޓިވަލްގެ އެއް ވަނަ ގެންދިޔައީ ތުރުކީގެ ޑައިރެކްޓަރެކެވެ. އަދި ފެސްޓިވަލްގައި ދިން 10 އެވޯޑްގެ ތެރެއިން އެންމެ ގިނަ އެވޯޑް ގެންދިޔައީ ރަޝިއާއިންނެވެ.