13 Jul 2011, 11:54
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އަމިއްލަފުޅު ގެކޮޅު، މއ. ކިނބިގަސްދޮށުގެ މާލޭ ސިޓީ ކައުންސިލަށް ނަގަން އެ ކައުންސިލުގެ ކުއްލި ބައްދަލުވުމަކުން މިއަދު ފާސްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލިސް ކައިރީގައި ހިގަމުންދާ ހަމަނުޖެހުންތަކުގެ ތެރޭ، މަޖިލިސް އިދާރާގެ ކުރިމަތީގައި ރަތްދޫލަ އަޅައިގެން މަގުމަތީގައި ބޭއްވި ކުއްލި ޖަލްސާގައި މައުމޫންގެ ކިނބިގަސްދޮށުގެ ނަގަން ފާސް ކުރީ އެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ކަމަށް އެތަނުގައި ހުރި ސަންގެން ނޫސްވެރިޔާ ވަނީ ބުނެފަ އެވެ.
"ގެ ނަގަން ނިންމީ، ބަދަލުވެސް ދޭ ގޮތަށް، މި ގަރާރު ކައުންސިލަށް ހުށަހެޅުއްވީ. ކައުންސިލް މެންބަރު ޖަންބު ހަސަން އަފީފް،" އެތަނުގައި ހުންނެވި ސަންގެ ނޫސްވެރިޔާ ބުންޏެވެ.
ސަރަނގު އާދަމް މަނިކު ރިޔާސަތު ބެލެހެއްޓެވި ބައްދަލުވުމުގައި އެ ކައުންސިލުގައި ޑީއާރްޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ ދެ މެންބަރުން ބައިވެރިވެ ވަޑައެއް ނުގަންނަވަ އެވެ.
މައުމޫންގެ ދަރިކަނބަލުން ދުންޔާ މައުމޫން އަބްދުލް ގައްގޫމް މިއަދު ދިއެފްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މާލޭ ސިޓީ ކައުންސިލްގެ އެ ނިންމެވުމަކީ "ވަރަށް ބޮޑު ހެއްވާ ކަމެއް" ކަމަށާއި އެފަދަ ބާރެއް ސިޓީ ކައުންސިލަށް ނެތް ކަމަށެވެ. އަދި ވިދާޅުވީ ކައުންސިލުގެ އެ ނިންމެވުމަކީ މިވަގުތު މަޖުލީހުގެ ކަންތައްތައް އޮތް ގޮތުން ކުރެއްވެވި ކަމެއް ކަމަށް ހީފުޅު ކުރެއްވެވޭ ކަމަށާއި އެކަމާ ބެހޭ ގޮތުން ހޯދަންޖެހޭ ގާނޫނީ ލަފާ ހޯއްދެވުމަށް ފަހު އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށެވެ.