29 May 2017, 13:59
މި އަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި ކޮރަޕްޝަންގެ ހަތަރު މައްސަލައެއްގައި ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ދައުވާކޮށްދިނުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން (އޭސީސީ)އިން ފޮނުވައިފި އެވެ.
އެ ކޮމިޝަނުން ބުނީ ޖުމްލަ ފަސް މައްސަލައެއްގައި ދައުވާކޮށްދިނުމަށް މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ޕީޖީއަށް ހުށަހަޅާފައިވާއިރު، ހަތަރު މައްސަލައެއްގައި ދައުލަތަށް ލިބެންޖެހޭ ފައިސާގެ ޖުމްލަ އަދަދު 2.6 މިލިއަނަށް ވުރެ ގިނަ ރުފިޔާއަށް އަރާ ކަމަށެވެ.
އޭސީސީން ބުނީ އެ މުއްދަތުގައި އެންމެ ގިނައިން ދައުވާ ކުރުމަށް އެދި ފޮނުވާފައި ވަނީ ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ މައްސަލަ ކަމަށެވެ. އެގޮތުން ފަސް މީހެއްގެ މައްޗަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދަޢުވާ ކުރުމަށް އެދި ފޮނުވިފައިވާއިރު، އެ މައްސަލަތަކުގައި ޝާމިލްވަނީ ތިން ފިރިހެން އަދި ދެ އަންހެން މުވައްޒަފުންކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.
އެ މައްސަލަތަކުގައި ދައުވާކުރަން ފޮނުވީ ކޮން ބައެއްގެ މައްޗަށް ކަމާއި އަދި އެއީ ދައުލަތުގެ ކޮން އިދާރާއެއްގެ ކޮރަޕްޝަން މައްސަލަތައް ކަމެއް އެ ކޮމިޝަނުން ނުބުނެއެވެ.