ޑެންގީ ހުމާއި ގުޅިގެން ފަސްކުރި 17 ވަނަ އިންޓަ ސުކޫލް ވޮލީ މުބާރާތް މި މަސް ނިމުމުގެ ކުރުން ބޭއްވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ވޮލީބޯލް އެސޯސިއޭޝަނުން ބުނެފި އެވެ.

މިދިއަ ހުކުރު ދުވަހު ފަށަން އޮތް މުބާރާތް ފަސްކުރަން ޖެހުނީ ދިވެހިރާއްޖޭގެ ތައުލީމް ކުރިއަރުވާ މަރުކަޒުގެ އެދުމުގެ މަތިން ޑެންގޫ ހުމުގެ ސަބަބުން ރައްކާތެރިވުމަށް ކަމަށެވެ.

ވަކި މުއްދަތެއް ނެތް ގޮތަށް ފަސް ކުރި މުބާރާތް އަލުން ފެށުމަށް ހަމަޖައްސާފައިވާއިރު، ވޮލީ އެސޯސިއޭޝަންގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ މިމަހުގެ 20 ވަނަ ދުވަހު މުބާރާތް ބޭއްވުމަށް ނިންމި ކަމުގައި ވިޔަސް އެއީ އަދި ފައިނަލް ތާރީހު ނޫން ކަމަށެވެ. އެކަމަކު މިމަސް ނިމުމުގެ ކުރިން މުބާރާތް ބޭއްވޭތޯ ބަލަމުން އަންނަ ކަމަށް ވެސް އޭނަ ބުންޏެވެ.

ސޯޅަ ސްކޫލަކުން ޖުމަލް 28 ޓީމް ވާދަ ކުރާ މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި އޮތީ ތިން އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެގޮތުން އެއީ ފިރިހެން އަދި އަންހެން ދެބައި އެކޮށް ވާދަކުރާ، 14 އަހަރުން ދަށާއި 16 އަހަރުން ދަށް އަދި 19 އަހަރުން ދަށެވެ.

ސާދަ އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިގައި ޖުމްލަ ފަސް ޓީމް ވާދަކުރާއިރު، އަންހެން ކުދިންގެ ބައިގައި ވެސް ހިމެނެނީ ފަސް ޓީމެވެ. އަދި 16 އަހަރުން ދަށުގެ ދެ ޖިންސުގެ ކޮންމެ ބައެއްގައި ތިން ޓީމް ވާދަކުރާއިރު، 19 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިގައި ވާދަ ކުރަނީ އަށް ޓީމެވެ. އަދި އަންހެން ކުދިންގެ ބައިން ވާދަކުރަނީ ހަތަރު ޓީމެވެ.

މުބާރަތުގެ ބައިވެރިވި 19 އަހަރުންދަށުގެ އަށް ޓީމްގެ ތެރޭގައި އަތޮޅުތަކުގެ ދެ ސުކޫލެއް ވެސް ވަނީ ބައިވެރިވެފަ އެވެ. އެއީ އަލަށް ބައިވެރިވި ފ. އަތޮޅު މަދުރުސާއާއި މިދިއަ ދެއަހަރު މި އުމުރުފުރައިގެ ޗެމްޕިއަން ވ. އަތޮޅު ތައުލީމީ މަރުކަޒެވެ.

ވޮލީ މުބާރާތް ފަސްކުރިއިރު، ފަށައިގެން ކުރިއަށްދިޔަ އިންޓަ ސުކޫލް ފުޓްބޯޅަ މުބާރާތާއި ކެރަމް މުބާރާތް ވެސް ވަނީ ވަކި މުއްދަތައް މެދު ކަޑާލައިފަ އެވެ.