ރޯދަ އެލަވަންސް ނުދީގެން 43 މައްސަލައެއް ހުށައަޅާފައިވާ އިރު ހުށައަޅާ ހުރިހާ ފަރާތަކަށް ރޯދަ އެލަވަންސް ހޯދަދޭނެ ކަމަށް ލޭބާ ރިލޭޝަން އޮތޯރިޓީ އިން ބުނެފި އެވެ.

ވަޒީފާއާ ބެހޭ ގާނޫނު ބުނާ ގޮތުން ވަޒީފާ އަދާކުރާ ކޮންމެ ދިވެހި މުވައްޒަފަކަށް ރޯދަ މަހުގެ އެލެވެންސުގެ ގޮތުގައި ވަކި އަދަދަކަށް ފައިސާ ދޭން ޖެހެ އެވެ. އަދަދެއްގެ ގޮތުގައި ގާނޫނުގައި ބުނެފައި ވަނީ 3،000 ރުފިޔާ ކަމަށެވެ.

ލޭބާ ރިލޭޝަން އޮތޯރިޓީ ހިންގުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ މިނިސްޓަރު އަބްދުލް ރަޝީދު ނާފިޒް މިއަދު ސަން އަށް ވިދާޅުވީ ގާނޫނުގައި ބުނެފައިވާ މިންވަރަށް ރޯދަ އެލަވަންސް ނުދިނުމާއި އެއްވެސް މިންވަރަކަށް ރޯދަ އެލަވަންސް ނުދިނުމުގެ މައްސަލަތައް ހުށައަޅާފައިވާ ކަމަށެވެ. އެގޮތުން 98 ފަރާތަކުން މައުލޫމާތު ސާފުކޮށް 43 ފަރާތަކުން މިހާރު މައްސަލަ ހުށައަޅާފައިވާ އިރު އެމައްސަލަތައް ބަލަމުން އަންނަ ކަމަށް ނާފިޒް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިދަނީ ވަޒީފާ ދޭ ފަރާތްތަކާ ވާހަކަ ދައްކަމުން، ބޮޑު އެއްބާރުލުމެއް ގިނަ ފަރާތްތަކުން ދެއްވާ، އެންމެ ފަހު ކަމަކަށް ފިޔަވަޅު އަޅާނީ،" ނާފިޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރޯދަ އިނާއަތް ނުލިބޭ ނަމަ އަދި ވެސް މައްސަލަ ހުށައެޅުމުގެ ފުރުސަތު އެބައޮތް ކަމަށާއި ހުށައަޅާ ފަރާތްތަކަށް ގާނޫނުގައި ބުނެފައިވާ ގޮތުގެ މަތިން ރޯދަ އިނާއަތް ހޯދަދޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

މުވައްޒަފުންނަށް ރޯދަ އިނާއަތް ނުދޭ ކުންފުނިތައް 5000 ރުފިޔާ އިން ފެށިގެން 50000 ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭއިރު އެހެންވެސް ބޮޑެތި އަދަބްތައް ގާނޫނުން ކަނޑައެޅިފައިވެ އެވެ.