29 May 2017, 10:53
ސޯލް (މެއި 29): އުތުރު ކޮރެއާއިން އަނެއްކާ ވެސް ބެލިސްޓިކް މިސައިލް ޓެސްޓެއް ކުރުމާ ގުޅިގެން އެގައުމާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ ވިދާޅުވެއްޖެ އެވެ.
އުތުރު ކޮރެއާ އިން މިއަދު ޖަޕާނުގެ ކަނޑަށް ފޮނުވާލި މިސައިލަކި ފާއިތުވި ތިން ހަފްތާ ތެރޭގައި އެގައުމުން ޓެސްޓު ކުރި ތިން ވަނަ މިސައިލެވެ. އަދި މި އަހަރު އެގައުމުން ޓެސްޓު ކުރި 12 ވަނަ މިސައިލެވެ.
"ޖީ7 ސަމިޓުގައި އެއްބަސްވި ގޮތަށް އުތުރު ކޮރެއާގެ މައްސަލައަކީ ބައިނަލްއަގުވާމީ މުޖުތަމައުން އެންމެ އިސްކަންދޭ ކަންތައް. އެގައުމުގެ [މިސައިލް ޓެސްޓުތައް] ހުއްޓުވުމަށް ޓަކައި އެމެރިކާއާ ގުޅިގެން އެގައުމާ ދެކޮޅަށް ފިޔަވަޅު އަޅާނަން،" އަބޭ ވިދާޅުވި އެވެ.
މިއަދު އުތުރު ކޮރެއާ އިން ލޯންޗު ކުރި ކުރު ރާސްތާ މިސައިލް ޖަޕާން ކަނޑަށް ވެއްޓުމުގެ ކުރިން 450 ކިލޯ މީޓަރަށް ދަތުރުކޮށްފައިވާ ކަމަށް ޔޫއެސް ޕެސިފިކް ކޮމާންޑުން ބުނެ އެވެ. އެއީ އުތުރު ކޮރެއާއިން މިއަހަރު ޓެސްޓު ކުރި މިސައިލެއް ޖަޕާން ކައިރިއަށް ވެއްޓުނު ދެވަނަ ފަހަރެވެ. (އަލްޖަޒީރާ)