އިސްލާމް އާބާދު : އެމެރިކާގެ ޖާސޫސީ މަތިންދާބޯޓަކުން ވޭތުވެދިޔަ 24 ގަޑީއިރު ތެރޭގައި ޕާކިސްތާނުގެ ވަޒީރުސްތާނަށް ދިންވައިގެ ޙަމަލާތަކެއްގައި ޕާކިސްތާނުގެ 46 މީހުން މަރުވެ އެތަށް ބަޔަކު ޒަޚަމްވެއްޖެއެވެ.

އެމެރިކާގެ ވައިގެ ޙަމަލާތައް އަމާޒުކޮށްފައިވަނީ ވަޒީރުސްތާނުގެ ގެތަކަށާއި ވެހިކަލްތަކަށް ކަމަށާ މަރުވި މީހުންގެ ތެރޭގައި ގިނައީ ހަނގުރާމަވެރިން ކަމަށް ޕާކިސްތާނުގެ މަސްއޫލުވެރިއަކާ ޙަވާލާދީ ރޮއިޓާސް ބުނެއެވެ.

ޕާކިސްތާނުގެ ހުޅަނގު އުތުރަށް އެމެރިކާގެ ޖާސޫސީ މަތިންދާބޯޓުތަކުން ކޮންމެ ދުވަހަކު ވައިގެ ޙަމަލާތައް ދެމުން ގެންދާއިރު މި ޙަމަލާތަކުގައި ހަނގުރާމަ ވެރިންނާއި ގިނަ ޢަދަދެއްގެ ޢާންމުން މަރުވަމުންދެއެވެ. މިކަމުގެ ސަބަބުން ޕާކިސްތާނުގެ ޢާންމުންވަނީ އެމެރިކާދެކެ ވަރަށް ބޮޑަށް ރުޅިއައިސްފައި ކަމަށް މުރާސިލުން ބުނެއެވެ.

ޖާސޫސީ މަތިންދާބޯތުތައް ބޭނުންކޮށް ޕާކިސްތާނަށް އެމެރިކާ ދެމުން ގެންދާ ޙަމަލާތަކުގައި ޢާންމުން މަރުވަމުންދާތީ އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ވަނީ އިންސާނީ ހައްޤުތަކަށް އަރައިގަތުމާއި ޣައިރު ޤާނޫނީ ގޮތުން މީހުން މަރަމުން ގެންދާ ކަމުގެ ތުހުމަތު އެމެރިކާގެ މައްޗަށް ކޮށްފައެވެ. މީގެިއތުރުން އެމެރިކާގެ މިޢަމަލުތަކަކީ ސިޔާސީ މަޤްސަދްތަކުގައި މީހުން މެރުމުގެ ޢަމަލެއް ގެ ގޮތުގައި ބެލޭނެ ޖާގައެބައޮތް ކަމަށް ޤާނޫނީ ބައެއް ތަޖްރިބާކާރުން ވަނީ ވިދާޅުވެފައެވެ. -- އަލްޖަޒީރާ، ރޮއިޓާސް