28 May 2017, 23:41
ރޯދައަކީ އެހެން އަޅުކަންތަކާއި ތަފާތު، އެ އަޅުކަން އަދާކުރާތަން ނުފެންނަ އަޅުކަމެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒިޔާދު ބާގިރު ވިދާޅުވެއްޖެ އެވެ.
މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވި، "ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމުގެ ފޯރަމް" ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރަމަޟާން މަހުގެ އަޅުކަމަކީ އެހެން އަޅުކަންތަކާ ވަރަށް ތަފާތު އަޅުކަމެއް ކަމަށެވެ. އެގޮތުން އާއްމުގޮތެއްގައި އެހެނިހެން އަޅުކަންތައް ކުރާތަން މީހުންނަށް ފެންނާނެ ކަމަށާއި، އެހެން ނަމަވެސް ރޯދައިގެ އަޅުކަން އަދާކުރާތަން އެހެން މީހުންނަށް ނުފެންނާނެ ކަމަށެވެ.
"އާއްމު ގޮތެއްގައި ހުރިހާ އަޅުކަންތަކެއް ކުރާތަން މީސްތަކުންނަށް ފެންނާނެ. ޒަކާތްދޭތަން، ޞަދަގާތް ކުރާތަން، ނަމާދު ކުރާތަން، ހައްޖުގެ އުމްރާގެ މަތިވެރި އަޅުކަން އަދާ ކުރާތަން. އެކަމަކު ރޯދައެއް ނުފެންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
"ރޯދައިގެ މަތިވެރި މާތް އަޅުކަން އަދާކުރާތަނެއް، އެއްވެސް މީހަކަށް ނުފެންނާނެ. އޭގެ މާނައަކީ، އަޅުގަނޑަށް ބުނެވޭނީ އަޅުގަނޑު މިހުރީ ރޯދައަށޭ. ބޭރުފުށުން ފެންނަ އެއްޗެއް ގަބޫލު ކުރާނީ."
މިނިސްޓަރު ވިދާޅުވީ، ހަގީގަތުގައި ރޯދައަށް ހުންނަކަން ދެނެވޮޑިގެންވަނީ މާތްﷲ ކަމަށެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ރޯދައިގެ އަޅުކަން ހެޔޮގޮތުގައި ފުރިހަމައަށް އަދާ ކުރާކަމުގައިވާނަމަ އެމީހެއްގެ އުޅުމަށް ބަދަލުއަންނާނޭކަން ފާހަގަކުރެއްވިއެވެ. އަދި ރަމަޟާން މަސް ނިމުމަށްފަހު ތިމާގެ އުޅުމަށް ބަދަލު ނާންނަ ކަމުގައި ވާނަމަ، އެކަމާ ދޭތެރޭ ވިސްނާލަން ޖެހޭކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ރަމަޟާން މަހުގެ އަޅުކަން ގަބޫލުވިކަން ތިމާއަށް އިހްސާސްވެގެންދާނީ، ރަމަޟާންމަސް ނިމުމަށްފަހު ތިމާގެ ސުލޫކަށާއި، ތިމާގެ އުޅުމަށް ބަދަލު އަތުވެއްޖެ ކަމުގައިވާނަމަ. ސުލޫކަށް ބަދަލުނާންނަ ކަމުގައިވާނަމަ އޭގެ މާނައަކީ އަދި އަޅުގަނޑުމެން ވިސްނާލަން އެބަޖެހެޔޭ،" ޒިޔާދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، މިއަހަރުގެ ރޯދަމަހު އިސްލާމިކް މިނިސްޓްރީގެ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ ހަމައެކަނި މާލޭގައި ނޫން ކަމަށާއި، އަތޮޅުތެރޭގެ ރަށްތަކާއި، ރާއްޖެއިން ބޭރުގެ ދެ ގައުމެއްގައިވެސް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވި އެވެ.
އިޙްޔާކުރުމުގެ ފޯރަމްގައި މިރޭ ވާހަކަދައްކާފައިވަނީ "ރޯދަ އައްޑަނަ އަކަށް ވާ ސަބަބުތައް" މި މައުލޫގެ މައްޗަށެވެެ. ފޯރަމް ޑިސްކަޝަންގައި ވާހަކަފުޅުދެއްކެވީ، ޑރ. އާދަމް ޝަމީމް އިބްރާހީމާއި، އައްޝައިހް ނިމާލް މުހައްމަދެވެ.