މާވަހަރު ކޮޅަކާއި ރިހީގެ ގަހަނާ އަޅާފައި ހުރި ގުޅިއެއް ހދ. ނެއްލައިދޫން ފެނިއްޖެ އެވެ. ނެއްލައިދޫ ރަށު ކައުންސިލުން މިއަދު ބުނީ އެރަށުން ދޫކޮށްފައިވާ ގޯއްޗެއްގައި އިމާރާތްކުރުމުގެ މަސައްކަތް ކުރަން ކޮންނަނިކޮށް މީގެ ދެ ދުވަސް ކުރިން ފެނުނު އެ ގުޅިއަކީ އުސް މިނުގައި ފޫޓެއް ހުރި ގުޅިއެއް ކަމަށެވެ.

"ގުޅި ފެނުނު ކަމަށް ވަނީ މީގެ ދެ ދުވަސް ކުރިން، ނަމަވެސް ގުޅި ފެނުނު ފަރާތުން އަޅުގަނޑުމެންނަކާ އަދި އެ ގުޅި ހަވާލެއް ނުކުރޭ، އަޅުގަނޑުމެން މިހާރު ވާނީ އެފަރާތަށް ސިޓީއެއް ފޮނުވާފައި ގުޅި ހަވާލުކޮށް ދިނުމަށް،" ނެއްލައިދޫ ރަށު ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު މިއަދު ވިދާޅުވި އެވެ.

ގުޅި ފެނިފައި ވަނީ ނެއްލައިދޫ އަސަރީ ވިލާ މުހައްމަދު ޒިޔާދަށެވެ.

ކައުންސިލްގެ ރައީސް ވިދާޅުވީ ފެނުނު ގުޅީގައި އަލި މަހެއް ޖަހާފައިވާ ރިހި އަނގޮޓި އަކާއި ރިހި ފައްޓަރު ބަޔާއި ފައިސާގެ އިތުރުން ރިހީގެ އެހެން ވެސް ގަހަނާ އާއި މާވަހަރުކޮޅެއް އޮތް ކަމަށް ކައުންސިލަށް އެނގިފައިވާ ކަމަށެވެ. އޭނާ އަދި ވިދާޅުވީ ކޮނުމުގެ ތެރޭގައި ގުޅި ފެނިފައި ވަނީ ބިމުގެ ފޫޓެއްހާ އަޑިން ކަމަށެވެ.

ނެއްލައިދޫ ކައުންސިލުން ބުނީ މިއަދުގެ ވަގުތެއްގައި ކައުންސިލާ ގުޅި ހަވާލު ކުރާނެ ކަމަށް ބެލެވޭ ކަމަށެވެ. ގުޅި ލިބުމުން އެ މައުލޫމާތު ހެރިޓޭޖް ޑިޕާޓްމަންޓަށް ފޮނުވާނެ ކަމަށް ވެސް ބުންޏެވެ.

ގުޅި ފެނުނު ޒިޔާދު ބުނީ، ގުޅި ފެނުނު އިރު އޭގެ މަތީގައި މުށި ތައްޓެއް ބާއްވާފައި އޮތް ކަމަށާއި ގުޅީގެ ތެރޭގައި ހުރީ ވަރަށް ކުރީ ޒަމާނެއްގެ ރިއްސާއި ލޮއި ފައިސާ އާއި ރިހީގެ ބައެއް ގަހަނާ ކަމަށެވެ. ގުޅީގައި އޮތް އަނގޮޓީގައި އެހަކަށް ޖަހާފައި އިނީ އަލިމަހެއް ކަހަލަ އެއްޗެއް ކަމަށާއި ނަމަވެސް އެއީ ސީދާ އަލިމަހެކޭ ބުނަން އަދި ނޭނގޭ ކަމަށެވެ. ކޮނުމުގެ ތެރޭގައި ގުޅި އަށް ބައެއް ގެއްލުންތައް ލިބިފައިވާ ކަމަށް ވެސް ޒިޔާދު ބުންޏެވެ.

ގާތްގަނޑަކަށް 1100 މީހުންގެ އާބާދީއެއް އޮންނަ ނެއްލައިދޫން ގުޅި ފެނުން ސަރަހައްދަކީ ކުރިން މީހުން އުޅުނު ސަރަހައްދެއްކަމަށް އެރަށުގެ ދުވަސްވީ މީހުން ބުނެ އެވެ. ނެއްލައިދުއަށް 1821 ވަނަ އަހަރު ބާރުގަދަ ތޫފާނެއް އަރައި ބޮޑެތި ގެއްލުން ލިބުނުކަމަށް ބުނެވެއެވެ.