މަތީ ސާނަވީއަކީ ދަރިވަރަކު ކުރިއަށްދާން ބޭނުންވާ ދާއިރާއަަކަށް އެޅިގެންދާ މުހިއްމު ބިންގަލެކެވެ. ވަރުގަދަ ބިންގަލެއް އެޅުމަށް މަތީ ސާނަވީގައި ހޭދަވާ ދެ އަހަރުގެ ތެރޭގައި ރަނގަޅަށް ކިޔަވައި މޮޅު ނަތީޖާއެއް ހޯދުމަކީ ބުރަ މަސައްކަތެކެވެ.

އެކަން ހާސިލްކުރުމަށް ބޭނުންވާ ދަރިވަރުންނަށް ލިބޭ ހިތްވަރަކީ ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ ސްކޮލަޝިޕްގެ ރަނުގެ ފުރުސަތެކެވެ.

މަތީ ސާނަވީ ނުވަތަ އޭލެވެލް އިމްތިހާން ނިންމާ އެއްވަނަ ދަރަޖައިގެ ދިވެހި ދަރިވަރުންނަށް ދެމުން އަންނަ އެ ސްކޮލަޝިޕް ދެމުން އަންނަނީ އޭލެވެލްގެ ތިން މާއްދާއިންނާއި އެޗްއެސްސީގެ ދިވެހި އަދި އިސްލާމް މި ދެ މާއްދާއިން ދަށްވެގެން އޭ ސްޓާ ހާސިލް ކުރާ ދަރިވަރުންނަށް އެކަންޏެވެ. އެ ސްކޮލަޝިޕްގެ ދަށުން ދުނިޔޭގެ ކޮންމެ ގައުމެއްގައި ކިޔަވަން ދިއުމުގެ ފުރުސަތު ލިބެ އެވެ.

ނަމަވެސް އޭލެވެލް އިމްތިހާން ހަދާ ކޮންމެ ކުއްޖަކީ އޭ ސްޓާ ހާސިލް ކުރެވޭނެ ދަރިވަރަކަށް ނުވެ ހިނގައިދާނެ އެވެ. އޭ ސްޓާ ނުލިބި އޭލެވެލްގެ ދެވަނަ ދަރަޖައިގެ ދަރިވަރުންނަށް މީގެ ކުރިން ސްކޮލަޝިޕްގެ ފުރުސަތެއް ފަހިކޮށްދެވިފައެއް ނުވެ އެވެ. މިއީ ގިނަ ދަރިވަރުންނަށް ލިބޭ މާޔޫސް ކަމެކެވެ.

ސަރުކާރުން އަލަށް ހުޅުވާލި ހައި އެޗީޗާސް ސްކޮލަޝިޕަކީ އޭލެވެލް އިމްތިހާން ނިންމާ ދެވަނަ ދަރަޖައިގެ ދިވެހި ދަރިވަރުންނަށް ހުޅުވިގެން ދިޔަ އުއްމީދީ އާ ފުރުސަތަކާއި ހިއްވަރެކެވެ.

އެ ސްކޮލަޝިޕް ދޭން ސަރުކާރުން ނިންމާފައި ވަނީ ޖީސީއީ އޭލެވެލްގެ ތިން މާއްދާއިންނާއި އެޗްއެސްސީގެ ދިވެހި އަދި އިސްލާމް މި ދެ މާއްދާއިން ދަށްވެގެން އޭ ފާސް ހޯދާ ދަރިވަރުންނަށެވެ.

މިދިޔަ ހަފްތާގެ ހޯމަ ދުވަހު ގެޒެޓް ކޮށްފައިވާ ހައި އެޗީވާސް ސްކޮލަޝިޕްގެ އުސޫލުގައިވާ ގޮތުގެ މަތިން އާ ސްކޮލަޝިޕްގެ ދަށުން ކިޔެވޭނީ ފުރަތަމަ ޑިގްރީއާ ހަމައަށެވެ. އެހެންނަމަވެސް، އިހްތިޔާރުކުރާ ކޯސް ކިޔަވައިދޭ ގައުމުގެ، ގައުމީ ސަނަދުތަކުގެ އޮނިގަނޑުގައި ފުރަތަމަ ޑިގްރީގެ ބައެއްގެ ގޮތުގައި މާސްޓާސް ޑިގްރީ ވެސް ފުރިހަމަކުރެވޭ ނަމަ، އެކަމަށް ފުރުސަތު ލިބޭނެ އެވެ.

އެގޮތަށް ކޯސް ފުރިހަމަކުރުމަށް ހުއްދަދޭނީ ހަމައެކަނި ބެޗްލާސް ޑިގްރީ ލެވަލަށް ކިޔެވުމަށް ފުރުސަތު ނުދޭ އަދި ކޯހުގެ ބާވަތުން ތިން އަހަރަށް ވުރެ ދިގު މުއްދަތަކަށް ކިޔަވަން ޖެހޭ ކޯހެއް ކަމުގައިވާ ނަމަ އެވެ. އަދި ދަރިވަރު އިހްތިޔާރުކުރާ ކޯހަށް އެއަށް ވުރެ ދިގު މުއްދަތެއް ހޭދަވާ ނަމަ ހަޔާ އެޑިއުކޭޝަން ޑިޕާޓްމަންޓުގެ ލިޔުމެއް ހުށަހަޅައިގެން އެކަން ހަމަޖެއްސުމުގެ ފުރުސަތު ދީފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ހާއްސަ ސްކޮލަޝިޕާ ހިލާފަށް އާ ސްކޮލަޝިޕްގައި ކިޔަވަން ދެވޭގޮތަށް މައިގަނޑު ގޮތެއްގައި ކަނޑައަޅާފައި ވަނީ ސާކްގެ ގައުމުތަކެވެ.

އެހެންނަމަވެސް، ދަރިވަރު ކިޔަވަން ބޭނުންވާ ކޯހަކީ ސާކްގެ ގައުމުތަކުން ލިބެންނެތް ކޯހެއްނަމަ، އިގްތިސާދީ ގޮތުން ބޮޑެތި ބާރުތަކާއި އެންމެ ތަރައްގީ ވެފައިވާ ގައުމުތައް ހިމެނޭ އޯއީސީޑީ ނޫން ގައުމަކަށް ކިޔަވަން ދެވިދާނެ އެވެ. އެ ހާލަތުގައި އެ ކޯހަށް ހިނގާ ހަރަދު ވާން ޖެހޭނީ ސާކްގެ ގައުމެއްގައި ހަތަރު އަހަރު ދުވަހުގެ ބެޗްލާސް ޑިގްރީ ކޯހެއް ހެދުމަށް ހިނގާ ހަރަދާ އެއްވަރު ނުވަތަ އެއަށްވުރެ އަގުހެޔޮކޮށް ކިޔެވޭ ކޯހަކަށެވެ.